ކައިވެންޏަކީ ދެމީހެއްގެ ދެމެދުގައި އުފެދޭ ވަރުގަދަ އަދި މާތް ގުޅުމެކެވެ. ނަމަވެސް، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތަކުގެ ސަބަބުން، ބައެއް ފަހަރު މި ގުޅުމަށް ބުރޫ އަރައެވެ. މިއަދުގެ މުޖުތަމަޢުގައި އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ، އަންނަ ކުއްލި ރުޅިއެއްގެ މަތީގައި ކައިވެނި ރޫޅާލުމަށް ނިންމާ ނިންމުމެވެ. މި ރިޕޯޓަކީ ރުޅިމަތީގައި ވަރިކުރުމުން ނުވަތަ ވަރިވުމުން އޭގެ ފަހުން ކުރިމަތިވާ ހިތާމަތަކާއި، މިކަމުގެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ދިރާސީ ރިޕޯޓެކެވެ.
ސައިކޮލޮޖިކަލް ގޮތުން ބަލާއިރު، އިންސާނާއަށް ގަދަޔަށް ރުޅި އަންނަ ވަގުތަކީ އޭނާގެ ބުއްދީގެ ބާރު ކެނޑި، ޖަޒުބާތުގައި ޖެހޭ ވަގުތެކެވެ. މިފަދަ ހާލަތެއްގައި ނިންމާ ނިންމުންތަކަކީ އޭގެ ނަތީޖާއާ މެދު ފުންކޮށް ވިސްނުމެއް ނެތި ނިންމާ ނިންމުންތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ރުޅިމަތީގައި ވަރިކުރާ ނުވަތަ ވަރިވާ ގިނަ މީހުންނަށް، އެ ރުޅި ފިނިވުމުން އެ ކުރެވުނު ކަމަކާމެދު ފުންކޮށް ދެރަވެ ހިތާމަކުރަން ޖެހެއެވެ.
އިސްލާމްދީނަކީ ކެތްތެރިކަމަށް ބާރުއަޅާ ދީނެވެ. ކީރިތި ރަސޫލާ (ޞޢވ) ވަނީ ރުޅި އަންނަ ވަގުތު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހަކީ ގަދަފަދަ މީހެއް ކަމުގައި ސިފަކުރައްވާފައެވެ. ވަރިއަކީ ހަލާލު ކަންތައްތަކުގެ ތެރެއިން މާތްﷲ އެންމެ ބޮޑަށް ނުރުހުންތެރިވެވޮޑިގަންނަވާ ކަންތަކެވެ. އެހެންކަމުން، ދީނީ ގޮތުން ބެލިޔަސް، ކުއްލި ރުޅީގައި ކައިވެނި ރޫޅާލުމަކީ އިސްލާމީ އުސޫލުތަކާ ބީރައްޓެހި، އަދި އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ވެސް ދެރަ ލިބިދާނެ ކަމެކެވެ.
ރުޅިމަތީގައި ވަރިވުމަށްފަހު، ގިނަ ބަޔަކަށް އިހުސާސް ކުރެވެނީ އެއީ އެވަގުތުގެ ހާލަތަށް ބަލާއިރު މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ދުވަސްތަކެއް ފާއިތުވެ، ދިރިއުޅުމުގެ އެކަނިވެރިކަން އިހުސާސްވާން ފެށުމުން، ކުރީގެ ބައިވެރިޔާއާ މެދު އޮތް ލޯތްބާއި ކުލުނު އަލުން އާލާވެއެވެ. މި ހިސާބުން "އެވަގުތު ކެތްކޮށްލެވުނު ނަމައޭ" ހިތަށް އަރައި، އިންތިހާއަށް ދެރަވެއެވެ. ޚާއްޞަކޮށް ދަރިން ތިބޭ އާއިލާތަކުގައި، އެ ކުދިންގެ މުސްތަޤުބަލަށް ކުރާ އަސަރު ފެނުމުން، އެ ހިތާމަ ދެގުނަވެގެންދެއެވެ.

ދިރާސާއިން އެނގިގެންދަނީ، ރުޅިއަކީ ކައިވެނީގެ ބަދަހި ގުޅުން ހަލާކުކޮށްލާ "ވިހައެއް" ކަމެވެ. ވަގުތީ ރުޅިއަށްވުރެ ދާއިމީ އުފާވެރިކަން މާ މުހިންމެވެ. ކައިވެނީގައި މައްސަލައެއް ޖެހޭ ހިނދު، ވަގުތުން ގޮތެއް ނިންމުމުގެ ބަދަލުގައި، މަޝްވަރާ ކުރުމާއި، އެކަކު އަނެކަކަށް ދޫދިނުމަކީ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއެވެ.
އެހެންކަމުން، ކޮންމެ ދެމަފިރިއަކުވެސް ރުޅި އަންނަ ވަގުތު، އެވަގުތު ބުނެވޭ ބަހަކުން މުޅި އުމުރަށް ހިތާމަކުރަން ޖެހިދާނެކަން ހަނދާން ބެހެއްޓުން މުހިންމެވެ. ކެތްތެރިކަމަކީ ކައިވެނީގެ ބިންގާ ވަރުގަދަކޮށްދޭ އެންމެ މުހިންމު ސިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

