އެމެރިކާއިން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނުން ބައިވެރިނުވާނެކަން އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމާލީ ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.
ބުދަ ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ޤައުމާ މުޚާޠަބު ކުރައްވަމުން ވަޒީރު ވިދާޅުވީ، އެމެރިކާގެ އަނިޔާވެރި ސަރުކާރުން އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލާފައިވާ މި ދަނޑިވަޅުގައި، އެމެރިކާގައި ބާއްވާ އެއްވެސް މުބާރާތެއްގައި އީރާނުން ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ކުރިން ތާވަލުކޮށްފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސް އާއި ސިއެޓްލްގައެވެ.
މި ނިންމުމަކީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ނިންމި ނިންމުމެކެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ 1,255 މީހުން މަރުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެމްބަސީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ.
ވަޒީރު ދުންޔާމާލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ކުޅުންތެރިންނަށް އެމެރިކާގެ ފަސްގަނޑުގައި އެއްވެސް ރައްކާތެރިކަމެއް ނެތެވެ. "ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ވަނީ އީރާނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްފައި. އެފަދަ ގައުމެއްގައި ބާއްވާ މުބާރާތެއްގައި އަޅުގަނޑުމެންގެ ޓީމު ބައިވެރިވުމަކީ ޝަހީދުންގެ ލެޔަށް ކުރެވޭ އިހާނެތްކަމެއް،" ވަޒީރު ވިދާޅުވިއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ވޯލްޑް ކަޕާ ބެހޭގޮތުން އީރާނު ސަރުކާރުގެ އިސް އޮފިޝަލަކު ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މަހްދީ ތާޖު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އީރާނުގެ މިނިވަންކަމާއި ސިޔާދަތަށް މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އުފާވެރިކަމާއެކު ވޯލްޑް ކަޕަށް އިންތިޒާރު ކުރުމުގެ ރޫޙެއް އެގައުމުގެ ރައްޔިތުންގެ ކިބައިގައި މިވަގުތު ނެތް ކަމަށެވެ.
އަނެއްކޮޅުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރައްވާފައެވެ. އިންފަންޓީނޯގެ އިންސްޓަގްރާމް ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕް ވަނީ އީރާނުގެ ޓީމަށް އެމެރިކާގައި މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މެދުއިރުމަތީގެ މިހާރުގެ ނާޒުކު ހާލަތާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ އީރާނެވެ. ނަމަވެސް މިހާރު އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން، މުބާރާތުން އީރާނު ފެނުމުގެ ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

