ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާޢީދު ކުރައްވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ހުޅުމާލެ ދެކުނު ދާއިރާގައި "ދޮރުންދޮރަށް" ހިންގެވުމަށްފަހު މިއަދު ރައީސް ވިދާޅުވީ، އެ ދާއިރާއިން އެމަނިކުފާނު ޒިޔާރަތް ކުރެއްވި ގޭގެއިން މުހިންމު ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ރައީސްގެ ތާޢީދު އޮތް ކަމަށް ބުނެ ވާހަކަދައްކަމުންދާތީ، އެކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ ނުވަތަ އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އެމަނިކުފާނުގެ އެއްވެސް ތާޢީދެއް ނެތް ކަމަށެވެ.
"އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ ނުވަތަ އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދެއް ނެތް،"
ރައީސް މިއަދު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް ޕާޓީ ނިޒާމަށް އިޙްތިރާމް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާއިން އެމަނިކުފާނުގެ ފުރިހަމަ ތާޢީދު އޮތީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ފަތުރާ މިފަދަ ދޮގު ވާހަކަތައް ޤަބޫލުނުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

