ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާގެ ކައުންސިލް ގޮނޑިއަކަށް ވާދަކުރައްވާ ކެނޑިޑޭޓް، ނިހާނަކީ މީދޫގެ ރައްޔިތުން ދަންނަ ފަރިތަ ކަނބަލެކެވެ. މީދޫގެ އިޖުތިމާޢީ ވިއުގަޔާއި ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އަހުލުވެރިވެފައިވާ މިންވަރުން، ރައްޔިތުންގެ އިޙްސާސްތައް އެންމެ ގާތުން ދަންނަ އެއް ކެނޑިޑޭޓަކީ ނިހާނު ކަމުގައި ބުނުމަކީ ކުށަކަށް ނުވާނެއެވެ.
ނިހާނު މި އިންތިޚާބަށް ކުރިމަތިލައްވާފައިވަނީ ރަށުގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި، އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްދިނުމުގެ މަތިވެރި ނިޔަތުގައެވެ. މީދޫ ޕީއެންސީ ކެނޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ނިހާނު ވަނީ އޭނާގެ ކުރިމަގުގެ އުންމީދުތަކާއި ރަށަށް ގެންނަން ބޭނުންވާ ބަދަލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން، ނިހާނު ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތައް އިތުރުކުރުމެވެ. މިކަމަށްޓަކައި ސަރުކާރާއި ކައުންސިލް މެދުވެރިކޮށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. މީގެ އިތުރުން، ތަފާތު ދާއިރާތަކުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގައި، ވަކިން ޚާއްޞަކޮށް އުމުރުން ދޮށީ މީހުންގެ ޞިއްޙީ ދުޅަހެޔޮކަމަށްޓަކައި ޞިއްޙީ މަރުކަޒާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނިހާނުގެ ތަޞައްވުރަކީ މީދޫއަކީ އެންމެންނަށްވެސް ހިތްހަމަޖެހޭ، އުފާވެރި މާޙައުލަކަށް ހެދުމެވެ. މި މަޤްޞަދުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް އޭނާ އިސްކަންދެއްވާނެއެވެ.
"އަޅުގަނޑަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންގެވެސް އަޑުއަހާނެ މީހެއް،" ކެމްޕޭން ޖަލްސާގައި ނިހާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވައުދުވަމުން ނިހާނު ވިދާޅުވީ، "އަޅުގަނޑަކީ ނަމޫނާ މެމްބަރަކަށް ވާނަން އިންޝާﷲ. އަޅުގަނޑުގެ މި މަސައްކަތުގައި އެހީތެރިވެދެއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ލޯތްބާއި ޝުކުރު އަދާކުރަން."
މީދޫ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ނިހާނުގެ ކެނޑިޑޭޓް ނަންބަރަކީ 6 އެވެ. އޭނާ ނުކުމެ ހުރީ މީދޫގެ މުސްތަޤްބަލަށްޓަކައި އައު އުންމީދުތަކެއް ހިފައިގެންނެވެ.
އެހެންކަމުން، ރަށުގެ އެއްބައިވަންތަކަން އިސްކޮށް، އާއިލާގެ ތެރޭގައިވެސް ބައިބައިވުމަށް ފުރުސަތު ނުދީ، އެންމެން ގުޅިގެން މީދޫގެ މާދަމާ އުޖާލާކުރުމަށްޓަކައި ކެނޑިޑޭޓް ނަމްބަރު 6 ނިހާނު ހޮވުމަކީ މީދޫގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެވެ. މީދޫ ދާއިރާގެ ކައުންސިލް މެމްބަރަކަށް ނިހާނު ހޮވައި، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި އެންމެން ބައިވެރިވަމާ ހިނގާށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

