މިއަދާ ހަމައަށް އައިއިރުވެސް ލާމަރުކަޒީ ނިޒާމުގެ ފޮނިމޭވާ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެމުން ނުދާކަމަށް ސައިރިކްސް މަޢުރޫފް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު އާންމުކުރެއްވި ލިޔުމެއްގައެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ ކޮންމެ ދައުރެއްގައިވެސް މީގެ ކުރިން ހުޅުދޫ ތަމްސީލުކުރާނެ ކައުންސިލަރަކު ހުރި ނަމަވެސް، ހުޅުދޫ އަދި މީދޫއަށް ވަކި ކައުންސިލެއް ހޯދައިދިނުމަށް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ފެނިގެންދިޔައީ އެ ދާއިރާތަކުގެ ކައުންސިލަރުން އިސްވެ ތިބެ، ވަކި ކައުންސިލެއް ހޯދުމަށް މަސައްކަތްކުރި އެންމެހާ ފަރާތްތަކާ ދެކޮޅަށް "ހަނގުރާމަ" ކުރި މަންޒަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގެ މުހިންމުކަމާއި އޭގެ އަސްލު މަގުސަދު ނޭނގޭ ބަޔަކު މީގެ ކުރިން ހުޅުދޫ އަދި މީދޫ ތަމްސީލުކޮށްފައިވާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ އައްޑޫ ސިޓީގެ މައި އިދާރާގެ ނުފޫޒުގެ ދަށުގައި ކަމަށެވެ.
ޝަރީފް އިތުރަށް ގޮވާލެއްވީ، ކުރިން ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، އެއްވެސް މީހެއްގެ ދަޅަޔަކަށް ނުހެއްލުމަށެވެ. އަދި ހުޅުދޫގެ ކުރިމަގަށްޓަކައި ހިންގުމުގެ ތަޖުރިބާއާއި، ތަރައްގީގެ ތަޖުރިބާ ހުރި، މީހުންނާ ގުޅިގެން މަސައްކަތް ކުރަން ދަންނަ، ކެތްތެރި އަދި ގާބިލް ރައީސަކު ހޮވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ލިޔުން ނިންމަވާލައްވަމުން ޝަރީފް ވަނީ، ހުޅުދޫގެ ތަރައްގީއަށްޓަކައި ހަރުދަނާ ކައުންސިލް ޓީމެއް އެކުލަވާލުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

