އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އަކީ އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ނަމޫނާ ޝަޚްސިއްޔަތެކެވެ. އޭނާއަކީ އެހެން ބޭފުޅުންނާ ތަފާތު، އާދަޔާޚިލާފު ހިތްހެޔޮކަމަކާއި، އޯގާތެރިކަމެއްގެ އިތުރުން މަޑުމައިތިރި މިޒާޖެއްގެ ވެރި ބޭފުޅެކެވެ.
ރަށަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަކީ މެންބަރު ޝާހިދުގެ ފާހަގަކޮށްލެވޭ ސިފައެކެވެ. ރަށުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވުމަކީ އޭނާ އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަމެވެ. މިކަމުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިތުބާރު އޭނާއަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.

މި ގާތްކަމާއި އޯގާތެރިކަމުގެ ހެކިތަކެއް ޝާހިދުގެ ފަރާތުން ހުޅުދޫ ރަށްޔިތުންނަށް މިމަހުގެ 7 ވަނަ ދުވަހު ދެއްވި ރޯދަ ވީއްލުމުގެ ހަފުލާއިންވެސް ވަނީ ފެނިގެން ގޮސްފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ރޯދަ ވީއްލުމުގެ ތެރެއިން، ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި އެއް ފަރާތަކަށް މެންބަރު ޝާހިދު ވަނީ އަގުހުރި ހަދިޔާއެއް ދެއްވާފައެވެ. އެއީ އެ ފަރާތުގެ ދެމަފިރިންނަށް އުމުރާ ދަތުރެކެވެ.
މިއުމުރާ ދަތުރު ލިބިފައިވަނީ ހުޅުދޫ ޝޭޑްލައިން އައިޝަތު އަޒީޒާއާއި މުހައްމަދު ދީދީއަށެވެ.
މެންބަރު ޝާހިދުގެ މިފަދަ ދީލަތި އަދި އޯގާތެރި އަމަލުތައް ރަށުގެ ރައްޔިތުން ފާހަގަކުރަނީ ވަރަށް ބޮޑު އުފަލަކާ އެކުގައެވެ. ރައްޔިތުންގެ އުންމީދަކީ އޭނާގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުމެވެ. ދާއިރާގެ ކުރިއެރުމަށް އޭނާ ކުރައްވާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުމަށް އެދި ރައްޔިތުން އަބަދުވެސް ހެޔޮ ދުއާ ކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

