ޗެލްސީގެ ހެޑް ކޯޗު ލިއަމް ރޮސީނިއޯ ބުނި ގޮތުގައި، ބުދަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުމުން ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ނަމަވެސް، ޓީމުގައި ވަކި ކީޕަރަކީ "ނަމްބަރު ވަން" ކަމަށް ކަނޑައަޅާފައި ނޯންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
އާސެނަލް އަތުން 2-1 އިން ބަލިވި މެޗުގައި، ސްޕެއިންގެ ގައުމީ ޓީމުގެ ކީޕަރު ސަންޗޭޒްގެ ފަރާތުން ފެނުނު ބައެއް ގޯސްތަކާ ގުޅިގެން އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެހެންކަމުން، ވިލާ ޕާކުގައި ކުޅުނު މެޗުގައި ރޮސީނިއޯ ވަނީ ސަންޗޭޒްގެ ބަދަލުގައި ޑެންމާކުގެ ފިލިޕް ޖޯގެންސަންއަށް ފުރުސަތު ދީފައެވެ. އެ މެޗުން ޗެލްސީ މޮޅުވީ 4-1 އިންނެވެ.
"އަހަރެން ސަންޗޭޒްއާ ވަރަށް ތެދުވެރިކަމާއެކު ވާހަކަދެއްކިން،" ރޮސީނިއޯ ބުންޏެވެ. "ކުޅެން ފުރުސަތު ނުލިބުމުން އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައި. ކޮންމެ ކުޅުންތެރިއެއްގެ ކިބައިންވެސް އަހަރެން އުންމީދު ކުރަނީ އެފަދަ ޝުއޫރެއް. ނަމަވެސް، ފަރިތަކުރުންތަކުގައާއި ޑްރެސިން ރޫމުގައި އޭނާ ފިލިޕްއަށް ދިން އެއްބާރުލުން ފާހަގަކޮށްލަންޖެހޭ."
ޗެލްސީއަކީ ކުޅުންތެރިން ބަދަލުކޮށްގެން (ރޮޓޭޝަން) ކުޅުވުމުގެ ސިޔާސަތެއް ގެންގުޅޭ ކްލަބެކެވެ. ރޮސީނިއޯ ބޭނުންވަނީ ކީޕަރުންގެ މަގާމުގައިވެސް މި އުސޫލު ގެންގުޅުމަށެވެ.
"އަހަރެން ކޮންމެ މެޗަކަށްވެސް ކީޕަރުންގެ މަގާމަށް ބަލަނީ ތަފާތު ނަޒަރަކުން. ދަނޑުގެ ކޮންމެ ސަރަހައްދެއްގައިވެސް ވާދަވެރިކަން އޮންނަން އަހަރެން ބޭނުންވޭ،" އޭނާ އިތުރަށް ބުންޏެވެ. "އާންމުކޮށް ކީޕަރަކު ބަދަލުކުރުމުން އެންމެންވެސް ހީކުރަނީ ދެން ހުންނާނީ އެއީ އެއްވަނަ ކީޕަރު ކަމަށް. އެކަމަކު އެއީ އެހެން އޮންނަ ކަމެއް ނޫން. ކޮންމެ މެޗަކަށްވެސް އަހަރެން ނެރޭނީ އެ މެޗަކަށް އެންމެ އެކަށީގެންވާ ޓީމު."
ކީޕަރުން ގިނައިން ބަދަލުކުރުމަކީ ޓީމުގެ ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމެއްތޯ ސުވާލުކުރުމުން ރޮސީނިއޯ ބުނީ، ޓީމުގައި ހަމަޖެހުން އޮތުމަކީ މުހިންމު ކަމެއް ނަމަވެސް، އެންމެ މުހިންމު ކަމަކީ މެޗުތަކުން މޮޅުވުން ކަމަށެވެ.
"އަހަރެން މި ޓީމާ ހަވާލުވި ފަހުން އަދި އެއްވެސް ދެ މެޗެއްގައި އެއް އެގާރައެއް ނެރެފައެއް ނުވާނެ. އެސްޓަން ވިލާ މެޗަށް އަހަރެން ނިންމި ނިންމުން ރަނގަޅުކަން ނަތީޖާއިން އެނގިގެން ހިނގައްޖެ. ކުރިއަށް އޮތް ތަނުގައިވެސް ރަނގަޅު ނިންމުންތައް ނިންމޭނެ ކަމަށް އުންމީދު ކުރަން،"
އޭނާ ބުންޏެވެ.
އެފް.އޭ ކަޕްގެ ފަސްވަނަ ބުރުގައި ހޮނިހިރު ދުވަހު ޗެލްސީ ނުކުންނާނީ ރެކްސްހަމްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 10:45 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

