އިސްރާއީލުގެ ދިފާއީ ވަޒީރާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން އީރާނަށް މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ.
އީރާނުން ދީފާނެ ރައްދު ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މުޅި ގައުމުގައި ރައްކާތެރިކަމުގެ އިންޒާރުދޭ ސައިރަން އަޅުވާފައެވެ. މިއީ އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުން، އާންމުން އެކަމަށް ސަމާލުވެ ތިބުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން، ގަތަރުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެތަނުގެ ހުރިހާ މުވައްޒަފުން ރައްކާތެރި ތަންތަނުގައި ތިބުމަށް (shelter-in-place) އަންގާފައެވެ. އަދި އެ ގައުމުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުންވެސް، ވަކި ގޮތެއް އަންގަންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ހޮނިހިރު ދުވަހު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބަލައި، އާންމު ރައްޔިތުން ރައްކާތެރި ސަރަހައްދުތަކާ ކައިރީގައި ތިބުމަށް ވަނީ އަންގާފައެވެ. ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އިސްރާއީލަށް އަމާޒުވެދާނެ މިސައިލް ހަމަލާތަކަކަށް ރައްޔިތުން ތައްޔާރުކުރުމަށް ކުރި ކަމެއް ކަމަށެވެ.
މީގެ އިތުރުން، ގައުމުގެ އާންމު ހާލަތު "ފުލް އެކްޓިވިޓީ" އިން "އެސެންޝަލް އެކްޓިވިޓީ" އަށް ބަދަލުކޮށްފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ. މީގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި، މީހުން އެއްވެ އުޅުން މަނާކުރުމާއި، އަދި ޒަރޫރީ ދާއިރާތައް ފިޔަވައި އެހެނިހެން މަސައްކަތްތައް ކުރާ ތަންތަން ބަންދުކުރުން ހިމެނެއެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގެ ޔުނިވަރސިޓީ ސްޓްރީޓް އަދި ޖުމްހޫރީ ސަރަހައްދަށް ބައެއް މިސައިލްތައް ވަނީ އަރާފައެވެ. ތެހެރާނުގެ ހުޅަނގު ސަރަހައްދުގައި ހުރި ރިޕޯޓަރަކަށް ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

