ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު ކުރިއަށް އޮތް މަހު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން، މަޝްހޫރު ފޯވަޑް ނޭމާ ޖޫނިއާ އަށް ފުރުސަތު ނުދޭން ކޯޗު ކާލޯ އަންޗެލޯޓީ ނިންމައިފި އެވެ. މި ނިންމުމާއެކު، ކުރިއަށް އޮތް ވޯލްޑް ކަޕުން ނޭމާ ފެނުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
އަންނަ މަހު ފްރާންސާއި ކްރޮއޭޝިޔާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުތަކަކީ، ޖޫން މަހު އެމެރިކާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ބްރެޒިލުން ކުޅުމަށް ރާވާފައިވާ އެންމެ ފަހު އެކުވެރިކަމުގެ މެޗުތަކެވެ. އެހެންކަމުން، މި މުހިންމު މެޗުތަކަށް ނެގި ސްކޮޑުން ނޭމާ ބާކީކުރުމަކީ، ވޯލްޑް ކަޕްގެ ދޮރު އޭނާ އަށް ގާތްގަނޑަކަށް ބަންދުވުން ކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
އަންޗެލޯޓީގެ ޓެކްނިކަލް ޓީމުން ހާމަކުރި ގޮތުގައި، ނޭމާ ސްކޮޑަށް ނުނެގީ އޭނާގެ ފިޓްނަސް މައްސަލަތަކާ ހުރެ އެވެ. ނިމިދިޔަ ސީޒަނަށް ފަހު ކަކުލުގެ ސީރިއަސް އޮޕަރޭޝަނެއް ކުރުމަށްފަހު، ފިޓްވާން ނޭމާ ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، ބައިނަލްއަގުވާމީ މެޗުތަކެއް ކުޅުމަށް ބޭނުންވާ ފުރިހަމަ 'މެޗު ފިޓްނަސް' އޭނާގެ ކިބައިގައި ނެތް ކަމަށް ކޯޗިން ޓީމުން ވަނީ ނިންމާފަ އެވެ.
މިހާރު ބްރެޒިލްގެ ސަންޓޯސް އަށް ކުޅެމުން އަންނަ ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ނަމަވެސް، ތަކުރާރުކޮށް ކުރިމަތިވަމުންދާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އޭނާ އަށް ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ނޭމާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2023 ވަނަ އަހަރު އެވެ.
ކޯޗު އަންޗެލޯޓީ މިދިޔަ އަހަރު ޓީމާ ހަވާލުވުމަށްފަހު ވަނީ، ވޯލްޑް ކަޕަށް އޭނާ ގެންދާނީ ސަތޭކަ އިންސައްތަ ފިޓް ކުޅުންތެރިން އެކަނި ކަމަށް ބުނެ ސާފު މެސެޖެއް ދީފަ އެވެ.
ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ފްރާންސާއި ކްރޮއޭޝިޔާ މެޗަށް ނޭމާ ނުނެގުމަކީ ވޯލްޑް ކަޕް ސްކޮޑުން އޭނާ އަށް ޖާގަ ނުލިބޭނެ ކަމުގެ ވަރުގަދަ ހެއްކެކެވެ. މީގެ އިތުރުން، އުމުރުން 33 އަހަރުގެ ނޭމާ އަށް މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބިއްޖެ ނަމަ، އޭނާ ފުޓްބޯޅަ ކުޅުން މުޅިން ހުއްޓާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

