ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އަދި އެހާމެ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލް، ސްޓްރޯކެއް ޖެހި ސީރިއަސް ހާލަތެއްގައި އޮތުމަށްފަހު މިއަދު ނިޔާވެއްޖެއެވެ.
ނިމާލް ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ ހާލަތު ސީރިއަސްވީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ދިމާވި ސިއްހީ ކުއްލި މައްސަލައަކާ ގުޅިގެންނެވެ. އެރޭ ނިމާލް ސައިކަލުގައި ދަނިކޮށް އުނދަގޫތަކެއް ވާތީ މަޑުކޮށްލި ތަނާހެން ވެއްޓުނީއެވެ. ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ފުރަތަމަ ގެންދެވުނީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް، އިތުރު ފަރުވާއަށްޓަކައި ޖެހިގެން އައި ދުވަހު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކުރެވިފައެވެ.
އަހުމަދު ނިމާލަކީ ދިވެހި ސިނަމާ ދުށް އެންމެ ހުނަރުވެރި އެއް ފަންނާނެވެ. ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ފިލްމީ ދާއިރާއަށް ނިކުތް ނިމާލް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ޓީވީއެމްއިން ގެނެސްދިން "ސަޅިބައިސާ" އިންނެވެ. އޭނާގެ ފިލްމީ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "ސިޓީ" އެވެ. ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމަކީ ނިމާލް އަމިއްލައަށް ލިޔެ، ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ.
އެކްޓަރެއްގެ އިތުރުން ނިމާލަކީ ކާމިޔާބު ޑައިރެކްޓަރެއްވެސް މެއެވެ. އޭނާ ވަނީ ފިލްމީ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށް، ދާއިރާ ކުރިއެރުވުމަށް ބޮޑު ހިއްސާއެއްވެފައެވެ. ނިމާލް ފިލްމީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް އަރުވާފައެވެ.
ނިމާލްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އޭނާގެ ވަކިވެދިއުމަކީ ދިވެހި ފިލްމީ ސިނަމާއަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު އުނިކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

