ހަ ފަހަރެއްގެ މަތިން ބޮޑީބިލްޑިންގްގެ މިސްޓަރ އިންޑިއާ ލަގަބު ހާސިލްކޮށްފައިވާ އަދި މަޝްހޫރު ފިޓްނަސް ޓްރޭނަރު މަޔަންކް ޕަވާރު، އަންގާރަ ދުވަހު މުމްބާއީގައި ވަނީ ނިޔާވެފައެވެ. އޭނާ އަކީ އެމް.ޓީ.ވީގެ މަޝްހޫރު ރިއަލިޓީ ޝޯ 'ސްޕްލިޓްސްވިލާ' އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.
މަޔަންކްގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އޭނާގެ އާއިލާއިން ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އޭނާއަކީ ގިނަ ބަޔަކަށް ނަމޫނާ ދެއްކި، ހިތްވަރުގަދަ އަދި ގާތް އެކުވެރިއެއް ކަމަށެވެ.
އޭނާ ނިޔާވި ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، މި ކުއްލި ޚަބަރާއެކު އޭނާގެ ސަޕޯޓަރުންނާއި ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ކުރިމަތިވެފައެވެ. ގިނަ ބަޔަކު ދަނީ އޭނާގެ ވަކިވުމުގެ ހިތާމަ ފާޅުކޮށް، ހެޔޮ ދުއާ ފޮނުވަމުންނެވެ.
ބޮޑީބިލްޑިންގްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މަޔަންކް އަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅެމުންވެސް ފިޓްނަސްއަށް ވަރަށް ބޮޑު ސަމާލުކަމެއް ދިން މީހެކެވެ. އޭނާގެ އިންސްޓަގްރާމް ފީޑުން ފެންނަ ގޮތުގައި، އޭނާ ވަނީ ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ގަވާއިދުން ހިއްސާކޮށްފައެވެ.
އެގޮތުން، ހަމައެކަނި ކަސްރަތު ކުރުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ފޯނާއި ޓީވީ ބަލާ ވަގުތު މަދުކުރުމަށާއި، ރަނގަޅު ކާނާ ކެއުމަށާއި، އަދި ނިދި ހަމަކުރުމަށް އޭނާ ވަނީ އާންމުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.
މަޔަންކް އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވީ 'ސްޕްލިޓްސްވިލާ' ގެ ހަތްވަނަ ސީޒަނުންނެވެ. އެ ޝޯގެ ހޯސްޓުން ކަމަށްވާ ސަނީ ލިއޯނީ އާއި ނިކިލް ޗިނަޕާގެ އިތުރުން ބެލުންތެރިންގެ ލޯބި އޭނާ ހޯދީ، އޭނާގެ ފިޓްނަސްއަށް ހުރި ޝައުގުވެރިކަމާއި، ކަންކަމުގައި ގެންގުޅުނު އިންސާފުވެރި އަދި ހިތްވަރުގަދަ ސިފަތަކުގެ ސަބަބުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޖަސްޕްރިތު ބުމްރާގެ އަނބިކަނބަލުން އަދި ކުޅިވަރު ޕްރެޒެންޓަރު ސަންޖަނާ ގަނޭޝަން އަކީވެސް އެ ސީޒަނުގައި މަޔަންކްއާއެކު ބައިވެރިވި ފަރާތެކެވެ. ނަމަވެސް، ލިބުނު އަނިޔާއެއްގެ ސަބަބުން ސަންޖަނާ ވަނީ ޝޯގެ މެދުތެރެއިން ވަކިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

