ޕީއެންސީގެ ޓިކެޓްގައި މީދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީޑީސީގެ ޗެއާމަން އަދި ޕީއެންސީ މީދޫ ދާއިރާގެ ރައީސް އަޙްމަދު ނިޢާޒް ވަނީ މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ އާމިނަތު ޞާލިޙާއަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ.
ނިޢާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އާމިނަތު ޞާލިޙާއަކީ މީދޫގެ ރައްޔިތުންނަށް އައު ބޭފުޅެއް ނޫނެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރާ ގުޅިގެން ރަށުގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް އެކަމަނާ ވަނީ ކުރައްވާފައެވެ. ޕީއެންސީގެ ޕްރައިމަރީގައި މީދޫ ރައްޔިތުން ޞާލިޙާއަށް ފުރުސަތު ދެއްވީ އެކަމަނާގެ ޚިދުމަތްތައް ބަލައިގަންނާތީ ކަމަށްވެސް ނިޢާޒް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ނިޢާޒް ވިދާޅުވީ، ޞާލިޙާއަކީ ރައްޔިތުންނަށް އިޚުލާޞްތެރި، ތެދުވެރި އަދި އަމާނާތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެކަމަނާ މަސައްކަތް ކުރައްވާނީ ޤާނޫނީ ހަމަތަކުގެ މަތިން ރަށުގެ ކުރިއެރުމަށް އިސްކަންދީގެން ކަމުގެ ޔަޤީންކަން ނިޢާޒް ދެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޢާޒް އެދިވަޑައިގަތީ، ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންގެ ވާހަކަތައް އަޑުއައްސަވައި، އެ ބޭފުޅުންނަށް ވޯޓު ދެއްވުމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ ކެނޑިޑޭޓުން ނޫން ބަޔަކު ހޮވިއްޖެނަމަ، ސަރުކާރާ ގުޅިގެން ރަށުގެ ތަރައްޤީގެ މަސައްކަތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.
ނިޢާޒްގެ ވާހަކަފުޅު ނިންމަވާލެއްވީ، މީދޫގެ ލޮބުވެތި ރައްޔިތުން އާމިނަތު ޞާލިޙާއަށް ވޯޓު ދެއްވައި، އެކަމަނާ މީދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބު ކުރާނެ ކަމުގެ ފުރިހަމަ އުއްމީދާއި އިތުބާރު އޮތްކަން ހާމަކުރައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

