ފުވައްމުލަކު ބަންޑާރަ ކިޅި ސަރަޙައްދުގައި ހަދާފައިވާ ބޯޑްވޯކަކީ އެ ރަށުގެ ގުދުރަތީ ރީތިކަން ބަލާލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ހިތްގައިމު ބިނާއެކެވެ. މިއީ ރަށުގެ ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ނުހަނު މަޤުބޫލު، އަދި ރަށުގެ ފަޚުރެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ.
ނަމަވެސް ދާދި ފަހުން ބަންޑާރަ ކިޅި ބޯޑްވޯކްގެ ރެއިލިންގތަކަށް ބަޔަކު ދަނީ ގަސްތުގައި ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. މިގޮތުން ރެއިލިންގތައް ހަލާކުކޮށްލުމަށްފަހު، އޭގެ ބައިތައް ކިޅީގެ ޗަސްބިން ތެރެއަށް އުކާލާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ފުވައްމުލަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި ފަހަކަށް އައިސް މިތަނަށް ތަކުރާރުކޮށް ބަޔަކު ދަނީ ގެއްލުން ދެމުންނެވެ.
މިފަދަ ޢާންމު ޚިދުމަތްތަކަށް ބޭނުންކުރާ ތަންތަނަށް ގެއްލުން ދިނުމަކީ ވަރަށް ދެރަ ކަމެކެވެ. މިކަމުގެ ސަބަބުން
ބޯޑްވޯކް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ، ރަށުގެ ރީތި ނަމަށް ބުރު އަރައި، ފަތުރުވެރިންގެ ކުރިމަތީގައި ރަށުގެ ތަޞައްވުރު ކިލަބުވުމުގެ އިތުރަށް ކައުންސިލުންނާއި ސަރުކާރުން ރަށުގެ ތަރައްޤީއަށް ކުރާ ބޮޑެތި ހޭދަތައް ބޭކާރުވެގެންދާކަމަށް ފުވައްމުލަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ބަންޑާރަ ކިޅި ބޯޑްވޯކަކީ އެންމެންގެ ތަނެކެވެ. އެތަނަކީ ރަށަށް ލިބިފައިވާ ގުދުރަތީ ރީތިކަން ހާމަކޮށް ދިނުމަށް ތައްޔާރުކޮށްފައިވާ ތަނަކަށް ވާތީ އެތަން ހިމާޔަތްކޮށް، އެތަނުގެ މަންފާ އެންމެންނަށް ލިބިދިނުމަށް އެންމެންވެސް މަސައްކަތްކޮށްދިނުމަށް ފުވައްމުލަށްސިޓީ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
އެހެންކަމުން، މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުކުރުމަށާއި، ރަށުގެ މުދަލަށް ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަށް ފުވައްމުލަށް ސިޓީކައުންސިލުން ވަނީ ނަޞޭޙަތްތެރިވެ އިލްތިމާސްކޮށްފައެވެ.
މިފަދަ ކަންކަން ހުއްޓުވުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ސަމާލުވެ، އެފަދަ ކަމެއް ފެނިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ހަދަމާ ހިގާށެވެ.
އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެންގެ މި ރީތި ރަށުގެ ބިނާތަކާއި ގުދުރަތީ ވަޞީލަތްތައް ހިމާޔަތް ކުރަމާ ހިނގާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

