ސ. ހުޅުދޫގެ މަސްދޯންޏެއް ކަމަށްވާ "އާޝާން" ދޯނިން، އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް މިއަދު މަސް ހަދިޔާކޮށްފިއެވެ.
މިއަދު މެންދުރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އާޝާން ދޯނިން ބޭނި މަސްތައް ވަނީ ދެ ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ފޯރުކޮށްދީފައެވެ. މިގޮތުން ކޮންމެ ގެއަކަށް ވެސް ދީފައިވަނީ އެއް މަހެވެ.
އާޝާން ދޯނީގެ ފަރާތުން މިގޮތަށް މަސް ބެހުމަކީ އެ ދޯނިން ވަރަށް ކުރީއްސުރެ ކުރަމުން އަންނަ އޯގާތެރި އަދި ދީލަތި އާދައެކެވެ. ކޮންމެ އަހަރެއްގެ ވެސް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް މިފަދަ އެހީތެރިކަމެއް އާޝާނު ދޯނިން ފޯރުކޮށްދެމުން އަންނަތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
މިކަމާ ގުޅިގެން ދެ ރަށުގެ ގިނަ ރައްޔިތުން އަންނަނީ އާޝާން ދޯނީގެ ވެރިންނަށާއި، ކެޔޮޅުންގެ އިތުރުން ފަޅުވެރިންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުންނެވެ. ޚާއްޞަކޮށް ރޯދަމަހުގެ މިފަދަ ދުވަސްވަރެއްގައި މިގޮތަށް މަސް ހަދިޔާކުރުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
އާޝާން ދޯންޏަކީ ކޮންމެ އަހަރަކު ވެސް މިފަދަ އިޖުތިމާޢީ ކަންކަމުގައި ނަމޫނާ ދައްކަމުން އަންނަ، އައްޑޫގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބު ދޯންޏެކެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

