މީދޫ އަވަށު އޮފީހުގެ ހިންގުމާއި، ބިންބިމާ ގުޅޭ ނިންމުންތައް ނިންމުމުގައި އެ އޮފީހަށް ލިބިގެންވާ ބާރުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ.
މީދޫ އަވަށު އޮފީހަކީ މާލީ ގޮތުން އަމިއްލަ އިޚްތިޞާޞް އޮންނަ ތަނެއް ނޫންކަން ކަމަށާ، އެ އޮފީހުން ކުރާ އެއްވެސް ޚަރަދަކީ ސިޓީ ކައުންސިލްގެ ސީދާ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ޚަރަދުތަކެއް ނޫނެވެ. ކޮންމެ މާލީ މުއާމަލާތަކަށްވެސް ހުއްދަ ހޯދަންޖެހެނީ ސިޓީ ކައުންސިލުން ކަމަށްވާއިރު، އަވަށު އޮފީހަށް އަމިއްލައަށް ފައިސާ ޚަރަދުކުރުމުގެ އެއްވެސް ބާރެއް ނޯވެއެވެ.
މީގެ އިތުރުން، މީދޫގެ ގޯއްޗަކާ އިންވެގެން އޮންނަ ހުސްބިމެއް، އެ ގޯއްޗަކަށް އިތުރުކޮށްދިނުމުގެ އެއްވެސް ގާނޫނީ ބާރެއްވެސް މީދޫ އަވަށު އޮފީހަކަށް ލިބިގެންނެއް ނުވެއެވެ. މިފަދަ ކަމަކަށް އެދި ގޯތީގެ ވެރިފަރާތުން ހުށަހަޅައިފިނަމަ، އެކަން އަވަށު އޮފީހުން ފޮނުވަންޖެހެނީ ސިޓީ ކައުންސިލްގެ ލޭންޑް ކޮމިޓީއަށެވެ. އެގޮތައް ފޮނުވުމުން އެކަމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ލޭންޑް ކޮމިޓީން ދިރާސާކުރުމަށްފަހު، ކައުންސިލްގެ ރަސްމީ ޖަލްސާއަށް ލޭންޑް ކޮމިޓީން ހުށަހަޅަންޖެހެއެވެ. އަދި އެކަން ފާސްވާނީ ކައުންސިލްގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ކަމަށްވާއިރު، މިއީ ވަކި މީހަކު ބޭނުންވެގެން ނިންމޭނެ ނިންމުމެއް ނޫނެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ، އަވަށު އޮފީހުން ރަނގަޅު ކަމެއް ކޮށްފިނަމަ އެއީ އެތަނުގައި ހުރި މީހެއްގެ ގަދަކަން ކަމަށާއި، ނަމަވެސް އެތަނުން ހިންގާ "ޖަރީމާއެއްގެ" ޒިންމާ ނިޒާރު ނަގަންޖެހޭނެ ކަމަށް ބުނެ ވާހަކަ ފަތުރަމުންނެވެ. ނަމަވެސް މިއީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކަނޑައެޅިގެން ގަސްދުގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއްކަން ވަނީ ކަށަވަރުވެފައެވެ.
މިކަމާ ގުޅޭގޮތުން ހަގީގަތް އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކުން، ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ސޯޝަލް މީޑިއާގައި ފަތުރާ ދޮގު ޚަބަރުތަކަށް ނުހެއްލި، ކަން ހިނގާފައިވާ ގޮތުގެ ސައްހަ މައުލޫމާތު ހޯދުމަށްފަހު ގޮތް ނިންމުމަކީ އާންމު ރައްޔިތުންގެ ޒިންމާއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

