ރަމަޟާން މަހަކީ އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ މާތް ފޮތްކަމުގައިވާ ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރެވެ. މި މާތް މައްސަރުގައި ހިފާ ރޯދައާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. މިއީ ނަރަކައިން ސަލާމަތްވުމަށް މަގުފަހިވުމުގެ އިތުރުން، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ބަރަކާތްތެރި ވަގުތެކެވެ.
ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުމެވެ. ތަޤުވާގެ މާނައިގައި ހިމެނޭ ހެޔޮ ޢަމަލުތައް ކުރުމާއި ފާފަތަކުން ދުރުހެލިވުމަކީ މި މަހުގައި ވަރަށް މުހިންމު ކަމެކެވެ. ރޯދައަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްވެސްމެއެވެ. އާދަވެފައިވާ ހުއްދަ ކަންތައްތަކުން ރޯދަވެރިޔާ އެއްކިބާވެ ހުރުމަކީ ދުނިޔެވީ އެދުންތަކުން ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެކެވެ.
ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ހަމައެކަނި ކެއިންބުއިމުން ދުރުހެލިވެގެންނެއް ނޫނެވެ. ނުބައި ބަސްތައް ބުނުމާއި، އަރައިރުންވުމާއި، ޒުވާބުކުރުން ފަދަ ނޭދެވޭ ކަންތައްތަކުން ދުރުހެލިވެގެންނެވެ. މިފަދަ ކަންކަމުން ދުރުހެލިނުވާ ނަމަ، ރޯދައަށް ހުރުމުގެ ހަޤީޤީ ބޭނުމެއް ނެތެވެ. މުސްލިމުންގެ ޢަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މި މަހުގައި، ރަޙިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ޤާއިމުކުރުމުގެ އިތުރުން ކީރިތި ޤުރުއާން ތިލާވަތުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ދުވާލުގެ އަޅުކަންތަކުގެ އިތުރުން ރޭއަޅުކަމަކީ ﷲ އާއި ކުއްތަންވެވޭ، އެކަލާނގެ އެންމެ ރުއްސަވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަރާވީސް ނަމާދާއި، ދަމުނަމާދާއި ވިތުރަކީ ރޭއަޅުކަމުގެ ތެރޭގައި ހިމެނޭ މުހިންމު ނަމާދުތަކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހިމެނޭ، އެތައް ހާސް ގުނައަކަށް ދަރުމަ އިތުރުވެގެންވާ "ލައިލަތުލްޤަދުރި" ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އެ ރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާންވެގެން ނުވިޔަސް، އެއީ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުން ކުރެ ރެއެއްކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
ކީރިތި ރަސޫލާ ﷺ ރޯދަމަސް ހޭދަކުރެއްވި ގޮތަށް ބަލާއިރު، އެކަލޭގެފާނު ރޯދަ ވީއްލަވަނީ އާއިލާއާއެކު ގޭގައެވެ. ބޮޑެތި ޖާފަތްތަކުގެ ބަދަލުގައި ކަދުރުކޮޅަކުން ނުވަތަ ފެންފޮދަކުން ރޯދަ ވީއްލެވުމަށްފަހު، ބާކީ ވަގުތުތައް ހޭދަކުރައްވަނީ އަޅުކަމުގައެވެ.
ރޯދައިގެ ހަޤީޤީ މަޤްޞަދަކީ ދުނިޔަވީ އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމެވެ. އެހެންކަމުން، މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރުމަށްޓަކައި، އިހުލާޞްތެރިކަމާއެކު ހެޔޮ ޢަމަލުތަކުގައި ދެމިތިބުމަށް ޢަޒުމް ކަނޑައަޅަންޖެހެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

