ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަޙައްދެއް ޔަހޫދީ ދައުލަތުގެ ނަން މައްޗަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ޔަހޫދީ ސަރުކާރުން ނިންމައިފިއެވެ. މިއީ 1967ވަނަ އަހަރު ފަލަސްޠީނުގެ ބިންތައް ޔަހޫދީން އިސްތިއުމާރު ކުރި ފަހުން، މި ފަދަ ގޮތަކަށް ފަލަސްޠީނުގެ ބިންތައް ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ފުރަތަމަ ފަހަރެވެ.
ޔަހޫދީ ސަރުކާރުގެ މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ހުޅަނގު އައްސޭރީގެ "އޭރިއާ ސީ" އަށެވެ. ހުޅަނގު އައްސޭރި ބެހިފައިވާ ގޮތަށް ބަލާއިރު، "އޭރިއާ އޭ" އަކީ ފަލަސްޠީނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. "އޭރިއާ ބީ" އަކީ ފަލަސްޠީނުގެ މަދަނީ ބާރު އަދި ޔަހޫދީންގެ ސަލާމަތީ ބާރު ހިނގާ ސަރަޙައްދެކެވެ. ނަމަވެސް، ހުޅަނގު އައްސޭރީގެ 61 އިންސައްތައިގެ މައްޗަށް އެކުލެވިފައިވާ "އޭރިއާ ސީ" އަކީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ.
ފަލަސްޠީނުގެ ބިންތަކުގެ ބޮޑު ސަރަޙައްދަކީ މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ސަރަޙައްދުތަކެއް ނޫނެވެ. ބިން ރަޖިސްޓްރީ ކުރުމަކީ ދިގު އަދި އުނދަގޫ މަރުހަލާތަކެއް ހިމެނޭ ކަމަކަށް ވާއިރު، 1967ވަނަ އަހަރުން ފެށިގެން ޔަހޫދީން ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ. ބިން ރަޖިސްޓްރީ ކުރުމުން އެ ބިމަކީ ދާއިމީ ގޮތަކަށް އެބައެއްގެ މިލްކަކަށް ވެގެންދާނެއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤައުމެއް އިސްތިއުމާރުކޮށްފައިވާ ބަޔަކަށް އެ ސަރަޙައްދުގެ ބިމުގެ މައްޗަށް މިފަދަ ބާރެއް ނުފޯރުވޭނެއެވެ.
މި ނިންމުމާ ގުޅިގެން ފަލަސްޠީނުގެ ރައީސްގެ އިދާރާއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފައެވެ. ފަލަސްޠީނުގެ ސަރުކާރުން ސިފަކުރި ގޮތުގައި، މިއީ ފަލަސްޠީނުގެ މައްސަލަ އިތުރަށް ގޯސްކުރާނެ ނިންމުމެކެވެ. އަދި މި ނިންމުމަކީ މީގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ޚިލާފު، އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ވެސް ފުށުއަރާ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ހަމައެއާއެކު، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޙަމާސުން ބުނީ މިއީ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ކުރާ މަސައްކަތެއް ކަމަށެވެ. ޔަހޫދީންނަކީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެފައިވާ ބައެއްކަން ފާހަގަކޮށް، ޙަމާސުން އިތުރަށް ބުނީ މި ނިންމުމަކީ އެއްވެސް ޤާނޫނީ ބާރެއް ނެތް، ބުރަދަނެއް ނެތް ނިންމުމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

