ލޯބިވެރިންގެ ދުވަހުގެ މުނާސަބަތުގައި، ޕްރިންސް އެންޑް ޕްރިންސަސް އޮފް ވޭލްސްގެ ކުރިން ފެނިފައިނުވާ ފޮޓޯއެއް އާންމުކޮށްފިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ނޯފޯކްގެ އަންމަރގައި ފޮޓޯގްރާފަރު ޖޯޝް ޝިނަރ ނަގާފައިވާ މި ފޮޓޯ އާންމުކުރީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރާ ފެބްރުއަރީ 14 ވަނަ ދުވަހު އެ ދެމަފިރިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައެވެ.
މި ފޮޓޯ ހިއްސާކޮށްފައިވަނީ "ހެޕީ ވެލެންޓައިންސް ޑޭ" ޖެހުމަށްފަހު ހިތުގެ އިމޯޖީއަކާ އެކުގައެވެ. މިއީ 2025 ވަނަ އަހަރު ފޮޓޯއެއް ހިއްސާކުރުމަށްފަހު، މި ދުވަސް އެ ދެމަފިރިން އާންމުކޮށް ފާހަގަކުރި ދެވަނަ އަހަރެވެ.

މީގެ ކުރިން ހިއްސާކުރި ފޮޓޯއަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކޭޓްގެ ކެންސަރު ފަރުވާ ނިމުނުކަން އިއުލާންކުރި ވީޑިއޯއަކުން ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ޕްރިންސް ވިލިއަމް ކޭޓްގެ ކޮލަށް ބޮސެއް ދޭއިރު އޭނާ ހިނިތުންވެފައި ހުންނަ މަންޒަރެވެ.
2011 ވަނަ އަހަރު ކައިވެނިކުރި މި ދެމަފިރިންގެ ލޯބީގެ ސަފުހާތައް ފެށުނީ ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް ސެއިންޓް އެންޑްރޫސް އިންނެވެ. ފުރަތަމަ އުފެދުނު ރަހުމަތްތެރިކަން ފަހުން ލޯތްބަށް ބަދަލުވީއެވެ. އެންގޭޖްމަންޓްގެ އިންޓަވިއުއެއްގައި ވިލިއަމް ބުނެފައިވަނީ، ދެމީހުން އެކުގައި ވަރަށް މަޖާ ވަގުތުތައް ހޭދަކުރާ ކަމަށާއި ދެމީހުންގެ ކިބައިގައިވެސް ސަމާސާ ކުރުމުގެ ސިފަ ހުންނަ ކަމަށެވެ. ކޭޓް ސިފަކުރި ގޮތުގައި ވިލިއަމް އަކީ އުފަލުގައާއި ހިތާމައިގައިވެސް އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވެދޭ، ލޯބިވާ ބައިވެރިއެކެވެ.
އެ ދެމަފިރިންގެ ކައިވެނީގެ ބޮޑު ހަފުލާ އޮތީ 2011 ވަނަ އަހަރުގެ އޭޕްރީލް 29 ގައެވެ. އެއަށްފަހު 2013 ގައި ޖޯޖް، 2015 ގައި ޝާލޮޓް އަދި 2018 ގައި ލޫއީ އުފަންވިއެވެ.
2024 ވަނަ އަހަރުގެ މާރިޗު މަހު ކޭޓް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް، ބަނޑުގެ އޮޕަރޭޝަނެއްގެ ތެރެއިން ކެންސަރު ހުރިކަން އެނގުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކީމޯތެރަޕީ ފަރުވާ ހޯދަމުންދާކަން ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

