އޮސްޓްރިއާގައި ބޭއްވުނު 68 ވަނަ ވިއެންނާ އޮޕެރާ ބޯލްގައި، ޕްރިންސަސް ޑަޔާނާގެ ދެބެންގެދެދަރި ކޮއްކޯފުޅުން ކަމަށްވާ ލޭޑީ އެލީޒާ ސްޕެންސާ އާއި ލޭޑީ އެމީލިއާ ސްޕެންސާ ފެނިގެންދިޔައީ ޝާހީ ފުރިހަމަކަމާ އެކުގައެވެ.
މޮޑެލް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މި ދެބެން މި ހަފްލާއަށް ހިޔާރުކުރީ މެޓަލިކް ކުލައިގެ ހެދުންތަކެކެވެ. އެލީޒާ ރަންކުލައިގެ ހެދުމެއް ހިޔާރުކުރިއިރު، އެމީލިއާ ހުރީ ރިހިކުލައިގެ ހެދުމެއްގައެވެ. އެލީޒާގެ ރަންކުލައިގެ ހެދުމުގައި ކޮޕަރ ކުލައިގެ މުތީތައް ހުރިއިރު، އޭނާ ބޭނުންކޮށްފައިވަނީ އެކުއަޒޫރާ ބްރޭންޑްގެ ކޮޕަރ ފައިވާނެކެވެ. އަދި ހުދު ކުލައިގެ އަތްކިިއްސާއި، އަލިމަހާއި ސަފަޔަރުގެ ރީތި ކަރުމުތީއަކާއި ބޯލި އޭނާގެ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.
އެމީލިއާގެ ރިހިކުލައިގެ ހެދުން ފަރުމާކޮށްފައިވަނީ ފިނިފެންމަލެއްގެ ބައްޓަމަށް ސިފަވާ ފަދަ ގޮތަކަށެވެ. އޭނާ ވެސް ބޭނުންކޮށްފައިވަނީ އެކުއަޒޫރާ ބްރޭންޑްގެ ފައިވާނެކެވެ. ނަމަވެސް އޭނާ ހިޔާރުކުރީ ކަޅު ކުލައިގެ އަތްކިިއްސާއި، އެމަރަލްޑް އަދި އަލިމަހުގެ ގަހަނާއެވެ. މި ދެބެންގެ މޭކަޕް ހުރީ ވަރަށް ތާޒާކޮށް އުޖާލާކޮށެވެ.
އެލީޒާ އާއި އެމީލިއާ އަކީ އާންމުކޮށް ވެސް އިޖުތިމާއީ އަދި ފެޝަން ހަފްލާތަކުގައި އެކަކު އަނެކަކާ ގުޅޭގޮތަށް ހެދުން އަޅާ ދެބެންނެވެ. މިދިޔަ އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ވެސް މި ދެބެން ފެނިގެންދިޔައީ މިފަދަ ގުޅޭ ހެދުންތަކެއްގައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ލަންޑަނުގައި ބޭއްވުނު ފެޝަން އެވޯޑްސްގައި، ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަށް ނިސްބަތްވާ ފަދަ ކަޅުކުލައިގެ ހެދުންތަކެއްގައި ވެސް މި ދެބެން ފެނިގެން ގޮސްފައިވެއެވެ.
ލޭޑީ އެލީޒާ، ލޭޑީ އެމީލިއާ އަދި އެކަނބަލުންގެ ދޮށީ ދައްތަ ލޭޑީ ކިޓީ ސްޕެންސާ އަކީ ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު ޗާލްސް ސްޕެންސާ އާއި ވިކްޓޯރިއާ ލޮކްވުޑްގެ ދަރިންނެވެ.


ޝާހީ ހެދުންތައް: ލޭޑީ އެލީޒާ ސްޕެންސާ ލައިގެން ހުރީ ކޮޕަރ ކުލައިގެ ރަން މުތީތަކުން ފަރުމާކޮށްފައިވާ ރަންކުލައިގެ ހެދުމެކެވެ. މީގެ އިތުރުން އޭނާ ވަނީ ކޮޕަރ ކުލައިގެ ފައިވާނަކާއި، ހުދު ކުލައިގެ އޮޕެރާ އަތްކިިއްސާއި، އަލިމަހާއި ސަފަޔަރުގެ ގަހަނާ ބޭނުންކޮށްފައެވެ. އަނެއްކޮޅުން ލޭޑީ އެމީލިއާ ސްޕެންސާ ފެނިގެންދިޔައީ ރިހިކުލައިގެ ހިތްގައިމު ހެދުމެއްގައެވެ. އޭނާގެ ގަހަނާއަކަށް ބޭނުންކޮށްފައިވަނީ އެމަރަލްޑް (ޒުމުއްރަދު) އާއި އަލިމަހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

