#މުޖުތަމައެއްގެ ތެރޭގައި ވާހަކަތައް ފެތުރިގެންދާ އެންމެ ހަލުވި އެއް ވަސީލަތަކީ "ތުންތުންމަތިން" ދެކެވޭ ވާހަކަތަކެވެ. މިފަދަ ވާހަކަތަކުގެ ތެރޭގައި ހަގީގަތްތަކެއް އެކުލެވިގެންވީ ނަމަވެސް، އޭގެ ސަބަބުން މީހުންގެ އަބުރާއި، ވަޒީފާގެ މާހައުލުގެ އިތުބާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާކަން މިއަދު މިވަނީ ފާހަގަކުރަން ޖެހިފައެވެ.
އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް އޮފީސްތަކުގެ މާހައުލަށް ބަލާލާއިރު، ވަޒީފާގެ ގޮތުން ހިފަހައްޓަންޖެހޭ ސިއްރުތަކާއި، އާއްމުންނަށް އެނގެން ނުޖެހޭ ކަންކަން ރަށުތެރޭގައި އުޅޭ ބައެއް މީހުންނަށް އޮފީސްތަކުގެ ބައެއް މުވައްޒަފުން މިހާރަކަށް އައިސް ކިޔައިދިނުން ވަނީ އާދައަކަށް ވެފައެވެ. ތުންތުންމަތިން ދެކެވޭ ގޮތުގައި، އޮފީހުގެ ސިއްރު މައުލޫމާތުތައް ރައްޓެހިންނާއި އާއްމުންނާ ހިއްސާކުރުމަށްފަހު، އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ނުވަތަ "ފަޚުރުވެރި" ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. "މިއަދު އޮފީހުގައިވީ މިވެނި ކަމެކޭ" ބުނެ، އެ މުއައްސަސާއެއްގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތައް ދެއްކުމަކީ ތިމާގެ މުހިންމުކަން ދައްކަން ކުރާ ކަމަކަށް ވެފައި އޮތުމަކީ ހިތާމަހުރި ކަމެކެވެ. އިސްލާމީ ރީތި އުސޫލުތަކަށް ބަލާއިރު، މަސައްކަތުގެ މާހައުލުގެ ސިއްރުތައް ހިފެހެއްޓުމަކީ ބޮޑުވެގެންވާ އަމާނާތެކެވެ.
# މީހުންގެ އުޅުމާއި މީހުންނާ މެދު ގޮތް ނިންމުމުގައި ގެންގުޅޭ ނުބައި އާދަތަކެއްގެ ވާހަކަވެސް ތުންތުންމަތިން ދެކެވެމުންދެއެވެ. ކިތަންމެ އިޚްލާސްތެރިކަމާއެކު މީހަކު މަސައްކަތް ކުރި ނަމަވެސް، ބައެއް މީހުންގެ ނަޒަރުގައި އެމީހަކު "ދާންނުޖެހޭ" ކަމަށް ބެލެވޭ ތަނަކުން ފެނިއްޖެނަމަ، މުޅި މީހާގެ ސަޚްޞިއްޔަތު ކުށްވެރިކޮށްލައެވެ. މިފަދަ ހާލަތްތަކުގައި ބައެއް ފަރާތްތަކުން މޫނު ކުނިކޮށްގެން ތިބެ، އެއީ އެކިފަހަރު އެކިކޮޅަށް ހުންނަ، އިތުބާރު ނެތް މީހެއް ކަމަށް ބުނެ ވާހަކަ ފަތުރައެވެ. މީހެއްގެ ފުށުން ފެންނަ ކުޑަކުޑަ ކަމަކަށް ބިނާކޮށް، އެމީހެއްގެ މުޅި ހަޔާތާއި މަސައްކަތުގެ އަގު ވަޒަންކުރުމެއް ނެތި، ދުލުން ބޭރުކުރާ ނުބައި ބަސްތަކުގެ ސަބަބުން މުޖުތަމައުގެ ބަދަހިކަން ގެއްލިގެންދެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ވާހަކަތައް ދެކެވެމުން ދާއިރު، މިއީ ހަމައެކަނި "ދެކެވޭ ވާހަކަތަކެއް" ކަމަށް ބަލައި ދޫކޮށްލެވޭކަށް ނެތެވެ. ވަޒީފާގެ އަމާނާތްތެރިކަން ހިފެހެއްޓުމާއި، އެކަކު އަނެކަކަށް އިތުބާރުކޮށް، މީހުންގެ އަބުރަށް އަރައިގަތުމުން ދުރުހެލިވުމަކީ ދިވެހި މުޖުތަމައުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ތުންތުންމަތިން ދެކެވޭ މިފަދަ ނޭދެވޭ ވާހަކަތައް މަދުކުރެވޭނީ، ކޮންމެ މީހަކުވެސް ތިމާގެ ދުލާއި އަމަލަށް ރައްކާތެރިވެގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

