އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އިން ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް ލީޑްސް ޔުނައިޓެޑުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މި ފޯރިގަދަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މި މެޗަށް ނުކުތްއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ ވަނީ ވުލްވްސް އަތުން 3-1 އިން މޮޅުވެފައެވެ. އަދި ލީޑްސް ވެސް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 އިން ނޮޓިންގްހަމް ފޮރެސްޓް ބަލިކޮށްފައެވެ.
އެހެންނަމަވެސް މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރީ ލީޑްސް އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ ޗެލްސީންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ލީޑު ހޯދައިދީފައެވެ. މީގެ އިތުރުން ވެސް މި ހާފުގައި ޗެލްސީން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ޖޮއާއު ޕެޑްރޯ އާއި ކޯލް ޕާމާއަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފި، ފުރަތަމަ ހާފު ނިމުނީ 1-0 އިން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވެސް ޗެލްސީން ދިޔައީ ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. މިގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ކޯލް ޕާމާ ވަނީ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް، މެޗުގެ 67 ވަނަ މިނެޓުގައި ލީޑްސްއަށް ލިބުނު ޕެނަލްޓީއަކުން ފޯވާޑް ލޫކަސް އެންމެޗާ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެ ހަ މިނެޓް ފަހުން، ފޯވާޑް ނޯހް އޮކާފޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑްސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ އިތުރުވަގުތުގެ ތެރޭގައި އަލުން ލީޑު ހޯދުމަށް ޗެލްސީގެ ޕާމާއަށް ވަރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު، ލީގުގައި ކުޅުނު 26 މެޗުން 44 ޕޮއިންޓާއެކު ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މި މެޗުން ލިބުނު ޕޮއިންޓާއެކު 26 މެޗުން 30 ޕޮއިންޓް ހަމަކޮށް ލީޑްސް ޔުނައިޓެޑް އޮތީ ތާވަލުގެ 15 ވަނައިގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

