ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅު ހޯދައިފައިވަނީ ޓޮޓެމްހަމް ހޮޓްސްޕަރއާއި ބައްދަލުކޮށް މިއަދު ކުޅެވުނު މެޗްގެ ކުރީކޮޅު ޔުނެއިޓެޑްގެ ކަސެމީރޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯއަށް ރަތް ކާޑު ދެއްކުމުން، 10 ކުޅުންތެރިންނާއެކު ކުޅުނު ސްޕާސްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ.
މި މޮޅާއެކު ގަދަ ހަތަރެއްގެ ތެރޭގައި ޔުނައިޓެޑުން އޮތް މަގާމު ވަރުގަދަވެ، ކެރިކް ދާއިމީ މެނޭޖަރަކަށް އައްޔަންކުރުމަށް ސަޕޯޓަރުން ކުރާ ތާއީދު ވަނީ އިތުރުވެގެން ގޮސްފައެވެ. ކެރިކް ޓީމާ ހަވާލްވިފައހުން ޓީމަށް ގެނައި ބަދަލަކީ ހައިރާންވާފަދަ ބޮޑު ބަދަލެކެވެ. މިގޮތުން ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނެރެދޭނެ މީހަކު ޔުނައިޓެޑަށް މިހާރު ވަނީ ފެނިފައެވެ.
މިއަދުގެ މެޗްގައި ސްޕާސްގެ ކެޕްޓަން ރޮމޭރޯއަށް ހެދުނު ގޯހަކީ ކެރިކްގެ ޔުނައިޓެޑަށް ލިބުނު ބޮޑު އެހީއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕާސްއިން ރަނގަޅަށް ކުޅެމުންދަނިކޮށް، ރޮމޭރޯ ، ޔުނައިޓެޑްގެ ކަސެމީރޯގެ ފަޔަށް އަމާޒުކޮށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން އޭނާއަށް ވަގުތުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލެވުނެވެ.
މިއީ އޭނާ ސްޕާސްއަށް ކުޅުނު މެޗުތަކުގައި ދެއްކި 6 ވަނަ ރަތް ކާޑެވެ. މި ރަތް ކާޑުގެ ސަބަބުން ކުރިއަށް އޮތް ހަތަރު މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އޭގެ ތެރޭގައި އާސެނަލްއާ ދެކޮޅަށް ކުޅޭ ނޯތު ލަންޑަން ޑާބީވެސް ހިމެނެއެވެ.
ސްޕާސް މިހާރު އޮތީ ތާވަލުގެ ފުލުގައި ލީޑްސްއާ އެއްވަރުވެ، ރެލިގޭޝަނުގެ ބިރުވެރިކަމުގެ ތެރޭގައެވެ.
އެހެންކަމުން މިމެޗްގެތެރޭގައި ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކާ ދިމާލަށް "މާދަމާ ހެނދުނު ކަލޭ ވަޒީފާއިން ވަކިކުރާނެ" ކަމަށް ބުނެ ލަވަކިޔާފައެވެ.
މިއަދުގެ މެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނެޓުގައި ރޮމޭރޯއަށް ރަތް ކާޑު ދެއްކިތާ އަށް މިނެޓު ފަހުންނެވެ. އެއީ ބްރޫނޯ ނެގި ކޯނަރެއް ކޮބީ މައިނޫގެ އެހީތެރިކަމާއެކު އެމްބިއުމޯއަށް ލިބުމުން، އޭނާ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާއިގެން ކާމިޔާބުކޮށްދިންލަނޑެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން މެޗު ކޮންޓްރޯލް ކުރިއިރު، މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭޒްއެވެ. ޑިއޯގޯ ޑަލޮޓް ނެގި ހުރަހެއް ކޮންޓްރޯލް ކުރުމަށްފަހު ބްރޫނޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ވިކާރިއޯއަށް އެއްވެސް ފުރުސަތެއް ނުދީއެވެ.

މި މެޗުގައި ބްރޫނޯ ފެނާންޑޭޒް އާއި ކޮބީ މައިނޫގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މި ދެ ކުޅުންތެރިންނަކީ ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ހޯދަމުންދާ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ދެކުޅުންތެރީންނެވެ.
ރޫބެން އަމޯރިމް ވަކިކުރުމަށްފަހު ކެރިކް ޔުނެއިޓެޑާ ހަވާލުވިފަހުން ޓީމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިގޮތުން ކުރިން އަމޯރިމްގެ ދަށުން ފެނުނު ހާސްކަމާއި އޮޅުންބޮޅުން ބޮޑު ޔުނައިޓެޑް މިހާރުވަނީ މުޅިން ތަފާތު، އިތުބާރާއެކު ކުޅޭ ޔުނައިޓެޑަކަށް ބަދަލުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

