މާޓުކުރިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އައިސްފައިވަނީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ އަބްދުﷲ ޞާދިގުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ 17 ސެޕްޓެންބަރު 2024 ގައެވެ. އެ ދުވަހުގެ ރޭގަނޑު 19:14 ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިސް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ސާދިގު މަޑުކޮށްގެން ހުއްޓައި ކަސްޓަމްސްގެ އޮފިސަރުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވިއެވެ. އެއަށްފަހު އޭނާގެ ލަގެޖް ފޮށިތައް އެކްސްރޭ ކުރުމުގެ ތެރޭގައި، އެއް ފޮށީގެ ތެރޭގައި ހުރި މާޓުކުރިތަކެއްގެ ތެރޭގައި އެއްޗެހިތަކެއް ފޮރުވާފައިވާކަން ފާހަގަކުރެވުނެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މާޓުކުރިތައް ބަލައި ފާސްކުރިއިރު އޭގެ ތެރެއިން އެކި ބަރުދަނުގެ މަސްތުވާތަކެތި އަޅާފައިވާ ޕެކޭޖުތައް ފެނިފައިވެއެވެ. އޭގެ ތެރޭގައި 169.5 ގުރާމާއި، 35 ގުރާމާއި، އަދި 68.5 ގުރާމުގެ ޑައިމޯފިން ހިމެނޭ ޕެކޭޖުތައް ހިމެނެއެވެ. މި ހޯދުންތަކާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި ސާދިގު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ މާޓުކުރިތަކަކީ މީހަކު އޭނާއާ ހަވާލުކުރި އެއްޗެހިތަކެއް ކަމަށާއި، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމެއް އޭނާއަށް އެނގިފައެއް ނުވެއެވެ.
ޝަރީއަތަށް ހެކިބަސް ދިން ކަސްޓަމްސް އޮފިސަރުން ބުނި ގޮތުގައި، މަސްތުވާތަކެތި ފެނުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސާދިގު ވަނީ ތަފާތު ވާހަކަތައް ދައްކާފައެވެ. ފުރަތަމަ އޭނާ ބުނީ އެއީ ހޮޓަލެއް ސާފުކުރަން އުޅޭ މީހަކު ދިން އެއްޗެއް ކަމަށެވެ. އެކަމަކު ފަހުން ލަންކާއަށް ކުރި ދަތުރާ ގުޅޭގޮތުން އިތުރަށް ސުވާލުކުރުމުން، އެއީ އޭނާގެ ދައްތައަކު ދިން އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ހެކިބަހުގައިވެއެވެ.
މި ތަފާތު ބަޔާންތަކަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ، ސާދިގު ޖަވާބުދީފައިވަނީ އެކި ފަހަރު އެކި ގޮތަށް ކަމަށާއި، އޭނާ މަސައްކަތް ކޮށްފައިވަނީ ދޮގު ހަދައިގެން ކަންކަން އޮޅުވާލުމަށް ކަމަށެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ސާދިގު 25 އަހަރަށް ޖަލަށްލުމަށާއި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައެޅިއެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މުއްދަތުގައި އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި ހަތް މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބުތައް ހަރުކަށިކުރުމުގެ ގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ވަނީ މުހިންމު އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގެ ދަށުން، އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި ބަރުދަނަށް ބަލައި، އެ ކުށް ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

