ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16 ގެ މެޗްތަކުގައި އައްޑޫސިޓީ ހިތަދޫގެ މައްޗަށް ކުރިހޯދައި ރ. ދުވާފަރުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ހުޅުމާލޭ ރެހެނދި ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި ފޯރިގަދަ މެޗު ދުވާފަރުން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ދުވާފަރުން ވަނީ ރަގަޅު ކުޅުމެއް ދައްކައި، މުހައްމަދު ޖުމާން އަހުމަދު ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް، ހިތަދޫން ވަނީ ކުޅުން ރަނގަޅުކޮށް، މުހައްމަދު ސަބާހު މަންސޫރު (ސަބަޓީ) އާއި ޝާޝް ޝަރީފް ޖެހި ލަނޑުތަކާއެކު މެޗުގެ ނަތީޖާ އަނބުރާލައި ލީޑު ހޯދާފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ ދުވާފަރަށް ލިބުނު ޕެނަލްޓީއަކާ އެކުގައެވެ. ހަސަން އަޒޫމް އަލީ ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހި ނާކާމިޔާބުވި ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ ލަނޑެއް ޖަހައި ދުވާފަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ހާފު ނިމުމުގެ ކުރިން އިބްރާހިމް އަނާން އަލީ ޖެހި ލަނޑާއެކު ދުވާފަރުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ.
ދެވަނަ ހާފު ފެށިގެން ހިތަދޫގެ ޝާޝް ޝަރީފް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފައެވެ. ނަމަވެސް، ދުވާފަރުން ހިތްވަރު ދޫނުކޮށް ކުޅެ، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އާއި މުހައްމަދު ނޫހު އިބްރާހިމް ޖެހި ލަނޑުތަކާއެކު މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރިއެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދުވާފަރު ޓީމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިސާމް (ޝަންޓެ) އެވެ. މި މޮޅާއެކު ދުވާފަރުން ވަނީ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

