މިދިޔަ އާދީއްތަ ދުވަހު އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ނޯވަކް ޖޮކޮވިޗް ބަލިކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދުމަށްފަހު، ކާލޯސް އަލްކަރާޒް ޓީވީ ކެމެރާގެ ލެންސްގައި ލިޔެލި މެސެޖަކީ "މަސައްކަތް ނިމިއްޖެ" (Job finished) އެވެ.
އުމުރުން އެންމެ 22 އަހަރާއި 272 ދުވަހުގައި އަލްކަރާޒް މިވަނީ "ކެރިއަރ ގްރޭންޑް ފްލޭމް" (ހަތަރު ބޮޑު މުބާރާތް ކާމިޔާބުކުރުން) ފުރިހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި އޭނާއަކީ ޓެނިހުގެ ހަތަރު މޭޖަރ މުބާރާތުގެ ސިންގަލްސް ތަށި ހޯދި ތާރީޚީ ނުވަވަނަ ފިިިިރިހެން ކުޅުންތެރިޔާއެވެ.
ރޮޑް ލޭވަރ އެރީނާގެ ގޮނޑިބަރީގައި އޭނާއާ އެއް ގައުމެއްގެ، 22 ގްރޭންޑް ފްލޭމް ކާމިޔާބުކޮށްފައިވާ ރަފައެލް ނަޑާލް ބަލަން ހުއްޓާ، އަލްކަރާޒް މެޗު ކާމިޔާބުކުރީ 2-6، 6-2، 6-3 އަދި 7-5 އިންނެވެ. މެޗު ޕޮއިންޓްގައި ޖޮކޮވިޗް ފޮނުވާލި ބޯޅަ ކޯޓުން ބޭރަށް ދިޔުމާއެކު، ވަރުބަލިކަމާއި އުފާވެރިކަމުގެ ތެރޭގައި އަލްކަރާޒް ކޯޓު މައްޗަށް ވެއްޓުނެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް އަލްކަރާޒް އިތުރަށް ބުނީ، ބިޒީ ކަލަންޑަރެއްގެ ސަބަބުން ކުރެވޭ ކަންތައްތަކާ މެދު ވިސްނާލަން ވަގުތު މަދުވި ނަމަވެސް، މި ފަހަރުގެ ކާމިޔާބީގެ ފޮނިމީރުކަން ފުރިހަމައަށް ލިބިގަންނަން އޭނާ ބޭނުންވާ ކަމަށެވެ.
"މި އަހަރު އަހަންނަށް ދަސްވި ކަމަކީ ކޮންމެ ސިކުންތަކަށް ވެސް ބޮޑުކޮށް އޭގެ އުފާ ހޯދުން. އެއީ ހަމައެކަނި ތަށި އުފުލާލުމެއް ނޫން، މުބާރާތްތަކުގައި ކުޅުމާއި، މޮޅުވުމާއި އަދި ބަލިވުން ވެސް ހިމެނޭ ގޮތަށް،"
"ކޮންމެ ކަމެއް ދިމާވިޔަސް، ދިރިއުޅުމުގެ އުފާ ލިބިގަންނަން ޖެހޭ. ތާރީޚީ ފޮތްތަކުގައި އަހަރެންގެ ނަން ލިޔެވުމަކީ ލިބުނު ބޮޑު ޝަރަފެއް."
އަލްކަރާޒް ބުންޏެވެ.
އަލްކަރާޒް މި މުބާރާތުގައި ކުޅުނީ އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެން ކޯޗުކޮށްދިން ހުއާން ކާލޯސް ފެރޭރޯއާ ވަކިވި ފަހުން ކުޅުނު ފުރަތަމަ ގްރޭންޑް ފްލޭމްގައެވެ. ނަމަވެސް އެ ބަދަލުގެ އަސަރެއް އޭނާގެ ކުޅުމަކަށް ނުކުރެއެވެ. ފުރަތަމަ ފަސް މެޗު އެއްވެސް ސެޓެއް ބަލިނުވެ ކާމިޔާބުކުރިއިރު، ސެމީ ފައިނަލްގައި ޖަރުމަނުގެ އެލެގްޒެންޑަރ ވެރޭވްއާ ދެކޮޅަށް ކުޅުނު މެޗުގައި ފިޒިކަލް މައްސަލަތަކެއް ދިމާވި ނަމަވެސް، ފަސް ގަޑިއިރަށްވުރެ ގިނަ އިރު ކުރި މަސައްކަތުން އޭނާ ފައިނަލަށް ދަތުރުކުރިއެވެ.

ވިމްބަލްޑަންގެ ކުރީގެ ޗެމްޕިއަން ފެޓް ކޭޝް ބުނި ގޮތުގައި، މިހާ ޒުވާން އުމުރެއްގައި މިހާ ހުނަރުވެރި ކުޅުންތެރިއަކު ފެނުމަކީ ނާދިރު ކަމެކެވެ.
"އޭނާގެ ކިބައިގައި ހުރިހާ ހުނަރެއް އެބަހުރި، އޭނާގެ ނަފްސާނީ ވަރުގަދަކަމަކީ އާދަޔާޚިލާފު ކަމެއް. ޖިސްމާނީ ގޮތުން އޭނާއަކީ ވަރަށް ހަލުވި ކުޅުންތެރިއެއް،"
ކޭޝް ބުނި.
"ތަފާތު ތިން ކަހަލަ ކޯޓެއްގައި ކުޅެވޭ ހަތަރު ގްރޭންޑް ފްލޭމް ކާމިޔާބުކުރުމުން އޭނާގެ ފެންވަރު އެނގިގެންދޭ. އަދި ކިތައް ތަށި އޭނާ ހޯދާނެ ކަމެއް ނޭނގެ، އަހަންނަށް ފެންނަނީ އޭނާ އަދި ވަރަށް ގިނަ ކާމިޔާބީތައް ހޯދާނެ ތަން."
ކޭޝް ބުނި .
2023 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޖޮކޮވިޗް ކާމިޔާބުކުރި ފަހުން، އަލްކަރާޒް ވަނީ ފަސް ގްރޭންޑް ފްލޭމް ތަށި ހޯދާފައެވެ. އަދި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ޖަނިކް ސިނާ ވަނީ އަނެއް ހަތަރު ތަށި ހޯދާފައެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަމަކީ މިހާރުގެ ޓެނިސް ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ކަމެވެ.
އާދީއްތަ ދުވަހުގެ ކާމިޔާބީއާއެކު، އަލްކަރާޒް މިވަނީ ހަތް ގްރޭންޑް ފްލޭމް ތަށި ހޯދާފައިވާ ލެޖެންޑުން ކަމަށްވާ ޖޯން މެކެންރޯ އަދި މެޓްސް ވިލަންޑާއާ އެއްވަރުވެފައެވެ. ޖޮކޮވިޗް 24 ތަށި ހޯދާފައިވާއިރު، އަލްކަރާޒަށް އެ އަދަދަށް ވާސިލްވެވިދާނެތޯ ސުވާލު އުފެދެއެވެ.
މިކަމާ ބެހޭގޮތުން ކޭޝް އިތުރަށް ބުނީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގިނަ މުބާރާތްތައް ކާމިޔާބުކުރާނީ އަލްކަރާޒާއި ސިނާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަލްކަރާޒް ކޯޓުގައި ދައްކާ ހަލުވި ކުޅުމުގެ ސަބަބުން ހަށިގަނޑަށް ބާރުބޮޑުވި ނަމަވެސް، އޭނާ މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށް ކޭޝް ފާހަގަކުރިއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

