ޖެނުއަރީ މަހުގެ ކުރީކޮޅު އެންޒޯ މަރެސްކާގެ ބަދަލުގައި 41 އަހަރުގެ ރޮސީނިއޯއާ ޓީމު ހަވާލުވި ފަހުން، ހޮނިހިރު ދުވަހު ވެސްޓް ހޭމް އަތުން ހޯދި ފޯރިގަދަ މޮޅަކީ ލީގުގައި އެޓީމު ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.
މި މެޗުގައި ރޮސީނިއޯގެ ކެރިއަރުގެ އެންމެ ބޮޑު އެއް އިމްތިހާނާ ކުރިމަތިލާން ޖެހުނުއިރު، މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު 2-0 އިން ބަލިވަމުން ދިޔަ ޗެލްސީން 3-2 އިން މެޗު ކާމިޔާބުކޮށް ގަދަ ހަތަރަކަށް ޖެހިލީ، ހާފު ނިމުމުން އޭނާ ޓީމަށް ގެނައި ބަދަލުތަކުގެ އެހީގައެވެ.
ނަޕޯލީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗަށްފަހު ރޭގެ މެޗަށް ޓީމަށް ހަތް ބަދަލެއް ގެނައުމުގެ ނަތީޖާއަކަށްވީ، ފުރަތަމަ ހާފުގައި ޗެލްސީގެ ކުޅުން ދަށްވެ، ރެލިގޭޝަނުގެ ބިރު އޮތް ވެސްޓް ހޭމްއިން މެޗުގެ ކޮންޓްރޯލް ހޯދުމެވެ. ނަމަވެސް، ދެވަނަ ހާފު ފެށުމުގެ ކުރިން ރޮސީނިއޯ ގެނައި ތިން ބަދަލާއެކު ޓީމުގެ ރޫހު ބަދަލުވެގެން ދިޔައެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުތް މާކް ކުކުރެއްލާ އާއި ޔާއޯ ޕެޑްރޯ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު، މެޗުގެ ފަހު ވަގުތު މޮޅުވި ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ފެންވަރާ މެދުވެސް ސުވާލު އުފެދުނެވެ. ނަމަވެސް މެޗަށްފަހު ވާހަކަދައްކަމުން ރޮސީނިއޯ ބުނީ، މިއީ ހަމައެކަނި އޭނާ ގެނައި ބަދަލުތަކުގެ ނަތީޖާ ނޫން ކަމަށާއި، މިއީ ކުޅުންތެރިންގެ ކިބައިގައި ހުރި ވަރުގަދަ އަޒުމާއި ރޫހުގެ ނަތީޖާ ކަމަށެވެ.
"އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވި ކަމަކީ މި ޓީމުގެ ކުޅުންތެރީންގެ ހިތްވަރު. މިއީ އަޅުގަނޑު ޓީމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ބޭނުންވި ކަމެއް،"
ރޮސީނިއޯ ބުންޏެވެ.
"އަޅުގަނޑުމެންނަށް ތަމްރީނުތަކަށް މާ ގިނަ ވަގުތެއް ނުލިބޭ. އެކަމަކު ނާކާމިޔާބީއެއް ކުރިމަތިވާ ވަގުތު އެކަމުން އަރައިގަތުމަށް އަޅުގަނޑުމެން ވާނީ ވާހަކަދައްކާފައި. ފުރަތަމަ ހާފުގައި ނުފެނުނު ކުޅުމާއި ޖޯޝް ދެވަނަ ހާފުގައި ފެނިގެންދިޔަ."
ރޮސީނިއޯގެ ހަތަރު ހަފުތާވީ ކުރު މުއްދަތުގައި ފާހަގަކުރެވުނީ މެޗުގެ ތެރެއިން ގެންނަ ކާމިޔާބު ބަދަލުތަކެވެ.
މީގެ ކުރިން ހުރި މަރެސްކާގެ ދައުރުގައި، މެޗުތަކުން ކުރި ހޯދާފައި އޮއްވާ 15 ޕޮއިންޓް ގެއްލިފައިވުމުން އޭނާގެ ނިންމުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ފެޓް ނެވިން ބުނި ގޮތުގައި، ރޮސީނިއޯ ވަނީ ޓީމަށް ފަރިތަ އަދި ކުޅުންތެރިންނަށް ފަސޭހަ ސިސްޓަމަކަށް ޓީމު ބަދަލުކޮށްފައެވެ. އަދި މެޗު ކާމިޔާބުވުމުން މިއީ "ޓެކްޓިކަލް ޖީނިއަސް" އެއްގެ ގޮތުގައި މިހާރު ސިފަކުރެވޭ ކަމަށް އޭނާ ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ވާތްފަޅިން ކުޅުނު ގާނާޗޯ، ހާޓޯ އަދި ބަޑިއަޝިލްގެ ފަރާތުން ފެނުނު ގޯސްތަކުގެ ސަބަބުން ވެސްޓް ހޭމްއިން ދެ ލަނޑު ކާމިޔާބުކުރިއެވެ. މި ތިން ކުޅުންތެރިންވެސް ހާފު ނިމުމުން ރޮސީނިއޯ ބަދަލުކުރިއެވެ. މިކަމާ ގުޅިގެން އޭނާ ބުނީ މިއީ ވަކި ކުޅުންތެރިންތަކެއްގެ މައްސަލައެއް ނޫން ކަމަށާއި، މުޅި ޓީމުގެ ކުޅުން ފުރަތަމަ ހާފުގައި ދަށްވީ ކަމަށެވެ. އަދި އަވަސް ބަދަލުތަކެއް ގެނައުމަކީ އެ ކުޅުންތެރިންނަށް އޮތް އިތުބާރު ގެއްލުން ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ރޮސީނިއޯގެ މި އުކުޅަކީ އޭނާ މީގެ ކުރިން ސްޓްރާސްބާގްގައިވެސް ބޭނުންކުރި އުކުޅެކެވެ. ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މިފަދަ ބަދަލުތަކެއްގެ އެހީގައި ޗެލްސީން ވަނީ މޮޅުވެފައެވެ.
ކުރީގެ މިޑްފީލްޑަރު ޖޭމީ ރެޑްނެޕް ފާހަގަކުރި ގޮތުގައި، ޗެލްސީގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، ކުކުރެއްލާ، ޔާއޯ ޕެޑްރޯ އަދި ފޮފާނާ ފަދަ ކުޅުންތެރިން ކުޅެން އެރުވުމުން މެޗުގެ ނަތީޖާއަށް ބަދަލު އަންނާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނަމަވެސް މައިގަނޑު ކުޅުންތެރިންނަށް އަރާމުދޭ ވަގުތު، ބަދަލުގައި ކުޅެން އަރާ ކުޅުންތެރިންގެ ފެންވަރު ދަށްވުމަކީ މަރެސްކާއަށްވެސް ކުރިމަތިވި އަދި ރޮސީނިއޯއަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.
ކުރީގެ ގޯލްކީޕަރު ރޮބް ގްރީން ބުނި ގޮތުގައި، ރޮސީނިއޯ ދެވަނަ ހާފުގައި ކަންކަން ރަނގަޅު ކުރި ނަމަވެސް، ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިންނާއި މައިގަނޑު ކުޅުންތެރިންގެ ފެންވަރުގެ ތަފާތު ބޮޑުވުމަކީ އޭނާއަށް އޮތް ބޮޑު މައްސަލައެކެވެ.
ކޮންމެއަކަސް، ރޮސީނިއޯ އަކީ ޕްރިމިއާ ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި އިނގިރޭސި ހަތަރުވަނަ ކޯޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ޗެލްސީ ވަނީ މޮޅުވެފައެވެ. މި ކާމިޔާބީތަކާއެކު ޗެލްސީ މިހާރު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. ދެން އެޓީމަށް އޮތީ އަންގާރަ ދުވަހުގެރޭ ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. ފުރަތަމަ ލެގުން 3-2 އިން ބަލިވެފައިވާތީ، މުބާރާތުގެ ފައިނަލަށް ދިއުމަށް ޗެލްސީއަށް މޮޅެއް ބޭނުންވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

