ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ކުރިމަތިލެއްވި ކެނޑިޑޭޓް، ޝިއުމާ، އޭނާގެ މަގުސަދާއި ތަސައްވުރު ހާމަކުރައްވައިފިއެވެ.
ޕީއެންސީގެ ފަރާތުން ފުވައްމުލަކުގެ ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ފުވައްމުލަކުގައި ބޭއްވި ޚާއްސަ ޖަލްސާގައި، ޖަލްސާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޝިއުމާ ވިދާޅުވީ، އޭނާ މި މަސައްކަތަށް ނިކުތީ އިޖްތިމާއީ މަސައްކަތްތަކަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން، އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.
މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިއުމާ ވިދާޅުވީ، އެކަމަނާއަކީ ވަގުތު ލިބޭވަރަކުން އަބަދުވެސް އިޖްތިމާޢީ މަސައްކަތްތަކުގައި އުޅުއްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. ސްކޫލް ނިމުމަށްފަހު ތަޢުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އުނގަންނައިދިނުމުގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޝިއުމާ ވިދާޅުވީ އެކަމަނާ އިޖްތިމާޢީ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ކުރާހިތުން ކުރައްވާ މަސައްކަތެއްގެ ގޮތުންކަމަށެވެ.
"ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެކިއެކި ކޮލެޖްތަކުގައި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރަމުންވެސް ކުދިންގެ އަޑުއަހަން، މީހުންގެ ކަންބޮޑުވުންތަކާމެދު ފިކުރުކޮށް އެކަންކަމަށް ސަމާލުކަން ދެން. އެގޮތަށް ވިސްނުން ހުރުމުން އަހަރެން ވިސްނީ އަހަރެންނަށް އުނގެނިފައިހުރި ތަޢުލީމާއި ހުނަރު ބޭނުންކޮށްގެން ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަން,"
ޝިއުމާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފުވައްމުލަކާއި ރާއްޖޭގެ އެހެން ރަށްރަށުގައި ހިލޭސާބަހަށް އެކިއެކި ސެޝަންތައް ނަންގަވައި ދެއްވައި، ވާހަކަދެއްކުންތެރިކަން ކުރިއަށް ގެންދެވުމަށް މަސައްކަތްކުރައްވާ ކަމަށް ޝިއުމާ ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ، ޓްރެއިނަރެއްގެ ގޮތުން މަސައްކަތްކުރައްވަނީ އެކަން ކުރާހިތުން، ކުރަން ބޭނުންވެގެން ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށެވެ.
ޝިއުމާ އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، އެކަމަނާއަށް ލިބިވަޑައިގެންނެވި އިބުރަތަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ހަރުދަނާ، ހުނަރުވެރި، ޚުލްޤު ހެޔޮ އަންހެނުންގެ ބޭނުންތެރިކަން ބޮޑުކަމާއި، މުޖުތަމަޢެއް ބިނާކުރުމުގައި ހިކުމަތްތެރި އަންހެނުންގެ މުހިންމުކަން ބޮޑުކަމެވެ.
"ޝައްކެއްނެތް، އަންހެނުންނަކީ ވަރަށް ޚާއްޞަ ބައެއް. މުޅި މުޖުތަމަޢުގެ މަދަރުސާއަކީ ޙަޤީޤަތުގައި އަންހެނުން. އާއިލާއެއްގެ ތަރުބިއްޔަތާއި އަދަބާއި އަޚްލާޤު ބިނާވެގެންވަނީ އެ އާއިލާއެއްގައި ހުންނަ އަންހެނަކު ނުވަތަ މަންމައަކު ކުރާ ބުރަ، މިންނެތް މަސައްކަތުން,"
ޝިއުމާ ވިދާޅުވިއެވެ.
އަންހެނުންގެ ހޭލުންތެރިކަމާއި ދީނީ އަދި ދުނިޔެވީ ޢިލްމުގެ ސަބަބުން މުޅި ޖީލު އިޞްލާޙުވެގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށް ޝިއުމާ ފާހަގަކުރެއްވިއެވެ. އިސްލާމީ ތާރީޚުން އުއްމުލް މުއުމިނީން ޚަދީޖަތުލްކުބުރާ ރަޟިއަﷲ ޢަންހާގެ މިސާލު ދެއްވައި، އެކަމަނާގެ މުދަލާއި ބުއްދިވެރިކަން އިސްލާމްދީނަށްޓަކައި ހޭދަކުރެއްވި ގޮތަކީ ހުރިހާ އިންސާނުންނަށް، ޚާއްޞަކޮށް އަންހެނުންނަށް ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.
ޝިއުމާ ވިދާޅުވީ، އަންހެނެއްގެ ހިތްވަރަކީ ވަށައިގެން ތިބޭ އެންމެންގެ ހިތްވަރު ކަމަށާއި، މަންމަ މާޔޫސްވެފައި ހުންނަނަމަ ގޭގައި ހުންނަ ބައްޕަވެސް ހުންނާނީ މާޔޫސްވެފައިކަމަށާ އަދި ކުދިންވެސް ތިބޭނީ މާޔޫސްވެފައި ކަމަށެވެ.
"އެހެންވީމާ އަހަރެމެން އަންހެނުން ވާންޖެހެނީ ފިސާރި އުއްމީދީ ބައެއްކަމުގައި. މީހަކު ބުނާ ބަހަކުން ބޯ އޮބާލައި ހިތްވަރު ދެރަވެގެން ތިބޭ ބަޔަކަށް ނޫން. އަހަރެމެން ވާންޖެހެނީ ފިސާރި ހިތްވަރާއެކު ތެދުވެ ހިނގައިގަންނަ ބަޔަކަށް,"
ޝިއުމާ ވިދާޅުވިއެވެ.
ޝިއުމާ ވިދާޅުވީ، އެކަމަނާ މި ދާއިރާއަށް ނިކުމެވަޑައިގެންނެވީ މިފަދަ ހާދިސާތަކުން މިސާލު ނަންގަވައިގެން ރަށަށް ޚިދުމަތްކުރެއްވުމަށާ ރަށަށް ފައިދާހުރި ބަޔަކު ބިނާކުރުމަށްޓަކައި މަސައްކަތްކުރާ އަންހެނުންނާއި އަންހެން ކުދިންނަށް އެހީތެރިވެދެއްވުމަށް ކަމަށެވެ.
މިގޮތުންޝިއުނާގެ ވިސްނުންފުޅުގައި ހުރި ބައެއް ކަންތައްތައް ޙިއްޞާކުރެއްވިއެވެ:
# ތަޢުލީމީ ދާއިރާ: ކިޔަވާ ކުދިންނަށް ކަނޑައެޅޭ އުޞޫލެއްގެ ދަށުން ޑަބްލިއުޑީސީގެ ތެރެއިން ސްކޮލަރޝިޕްތަކެއް ދިނުން
# ތަމްރީނު ޕްރޮގްރާމްތައް: ފުވައްމުލަކުގައި ލައިވް ކޯޗިންގ ފަދަ ޕްރޮގްރާމްތައް ހިންގުން
# އިޤްތިޞާދީ ތަރައްޤީ: ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންނަށް އިތުރަށް ފައިސާ ލިބޭނެ ގޮތްތައް ހޯދައިދިނުން
# ފަހަށް ރައްކާކުރުމުގެ އާދަ : މުޖުތަމަޢުގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގަންނުވައި، މިކަމަށް މީހުން ހޭލުންތެރިކޮށް، ޒުވާނުންނަށް މިކަންތައްތައް ދަސްކޮށްދިނުން
# ސިޔާސީ ބައިވެރިވުން: ސިޔާސީގޮތުން އަންހެނުންނާއި ޒުވާނުން ކުރިއަރުވަން މަސައްކަތްކުރުން
# ޞިއްޙީ ދާއިރާ: ކެންސަރު ފަދަ ބޮޑެތި ބަލިތަކާ ހަނގުރާމަކުރަމުންދާ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން
# ދީނީ ހޭލުންތެރިކަން: އަންހެނުންނާއި މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް
ޝިއުމާ ވިދާޅުވީ، މި ކަންކަން ކުރުމަށް ފައިސާ ބޭނުންވާނެ ކަމަށާއި، ފައިސާ ހޯދުމަށް ވިސްނާފައި އޮތް ގޮތަކީ ޑަބްލިއުޑީސީއަށް ކަނޑައެޅިފައިވާ ބަޖެޓުގެ އިތުރުން ބޭރުގެ ޤައުމުތަކާއި އެހީދޭ ފަރާތްތަކާ ގުޅިގެން ވާހަކަދައްކައިގެން ޕްރޮޕޯސަލްތައް ހުށަހަޅައިގެން މަސައްކަތްކޮށްގެން ކަމަށެވެ.
"އަހަރެން އިސްވެހުރެ ހިންގާ ޑަބްލިއުޑީސީން މި ސިޓީގެ އަންހެނުންނާ ވަރަށް ކައިރިން މަސައްކަތްކުރާ ޑަބްލިއުޑީސީއަކަށް ހަދައި، ކޮންމެ އަވަށެއްގެ އަންހެނުންނާ ބައްދަލުކޮށް އެ މީހުންގެ އަޑުއަހައިގެން މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީ އަހަރެންނަށް މި މަޤާމަށް އާދެވިއްޖެނަމަ އަހަރެންގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމެއް,"
ޝިއުމާ ވިދާޅުވިއެވެ.
ޝިއުމާގެ ވާހަކަފުޅު ނިންމަވާލެއްވީ، ފުވައްމުލަކުގެ ރައްޔިތުން އެކަމަނާއަށް ވޯޓުދެއްވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ހޮވައިދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.






ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

