މުޖުތަމައެއްގެ ބަދަހިކަމާއި، މަސައްކަތުގެ މާހައުލުގެ ކުރިއެރުން ބިނާވެފައިވަނީ އެކަކު އަނެކަކަށް ކުރާ އިތުބާރާއި، ހިފަހައްޓާ ސިއްރުތަކުގެ މައްޗަށެވެ. ނަމަވެސް، ފަހަކަށް އައިސް މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، އިތުބާރުގެ ގުޅުންތަކަށް ބުރޫއަރާ ފަދަ ސުންޕާ އަމަލުތަކެއް ފާހަގަކުރެވެމުންދެއެވެ.
މަސައްކަތުގެ މާހައުލުގައި ވަކި ބަޔަކާއެކު އުޅެ، އެބައެއްގެ މަސައްކަތުގެ އުކުޅުތަކާއި، ދިމާވާ ގޮންޖެހުންތަކާއި، އަދި ރޭވުންތައް އެންމެ ގާތުން އެނގޭ މީހަކީ އެތަނެއްގެ މުވައްޒަފުންނެވެ. ނަމަވެސް، އެ މަސައްކަތްތަކުގެ ތަފުސީލާއި، އެ ބައެއްގެ ބަލިފައިތައް، އެމީހުންނާ ވާދަކުރާ އެހެން ފަރާތްތަކަށް ބުނެދެމުން ގެންދިއުމަކީ އަމާނާތަށް ހިޔާނާތްތެރިވުމުގެ އެންމެ މުޑުދާރު ސިފައެވެ. މިއީ "ޣައްދާރުވުން" ކަމަށް ބުނެ މީހުންގެ މެދުގައި ދެކެވޭ ވާހަކައަކީ ހަގީގަތެކެވެ. މީގެ ސަބަބުން އެކުގައި މަސައްކަތްކުރާ މީހުންގެ އިތުބާރު ގެއްލި، މުޅި މަސައްކަތުގެ ނިޒާމު ހަލާކުވެގެން ދެއެވެ.
ދެން ފާހަގަކުރެވޭ އަނެއް ކަމަކީ، އެކުގައި މަސައްކަތްކުރާ މީހުންނާއެކު އުޅޭއިރު އެމީހުންނަށް ވަފާތެރިކަން ދައްކައި، ނަމަވެސް އަމަލީ ގޮތުން އެމީހުންނަށް ގެއްލުންވާނެ ގޮތްގޮތަށް ކަންކަން ރޭވުމެވެ. މިފަދަ އަމަލުތައް ކުރާ މީހުން، އެމީހުންގެ ގާތް ރަހުމަތްތެރިންގެ ކުރިމަތީގައި، ތިމަންނަ އުޅުނީ އެބަޔަކު ބޭނުންވި ގޮތަކަށް ނޫންކަމަށް ބުނެ ހުވާކޮށް ވާހަކަދައްކައެވެ. މިއީ އެމީހެއްގެ އަބުރާއި އިއްޒަތް އަމިއްލައަށް ނަގާލުމުގެ އިތުރުން، ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ބަލާއިރުވެސް ނުހަނު ދެރަވަރުގެ ކަމެކެވެ.
ތުންތުންމަތިން ދެކެވޭ މިފަދަ ވާހަކަތަކުން އެނގިގެންދަނީ، މުޖުތަމައުގައި އަމާނާތްތެރިކަމުގެ ސިފަ ކުޑަވަމުންދާ މިންވަރެވެ. އެކުގައި މަސައްކަތްކުރާ މީހުންނަށް ޣައްދާރުވުމާއި، ދޮގު ހުވާކޮށް އަމިއްލަ ސަލާމަތް ހޯދަން އުޅުމަކީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމުން ދުރުހެލީވެ، އިތުބާރާއި ތެދުވެރިކަން އިސްކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

