ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް ރަހުމަތްތެރިންނަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އަހަރެމެން ދިރިއުޅުމުގައި ނިންމާ ބައެއް ނިންމުންތަކާއި، ޚިޔާލުތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ރަހުމަތްތެރިންގެ ނުފޫޒު ފޯރާ މިންވަރު ވަރަށް ބޮޑެވެ. އެހެންކަމުން، ރަހުމަތްތެރިން އިޚްތިޔާރުކުރުމުގައި ވިސްނުންތެރިކަމާއެކު ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އިސްލާމްދީނުގައި ރަހުމަތްތެރިކަމުގެ މުހިންމުކަމާއި، ރަނގަޅު ރަހުމަތްތެރިން އިޚްތިޔާރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. ރަސޫލާ ﷺ ރަހުމަތްތެރިންގެ މިސާލު ޖައްސަވާފައިވަނީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ. އަތަރުވިއްކާ މީހަކާ އެކުގައި އުޅޭ މީހަކަށް އެ އަތަރުގެ މީރުވަސް ދުވާނެއެވެ. އަދި ކަނބުރުތަޅާ މީހަކާއެކު އުޅޭ މީހަކަށް އެ ކަނބުރުގެ ނުބައިވަސް ދުވާނެއެވެ.
މި ޙަދީޘްގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެނީ ރަހުމަތްތެރިންގެ ނުފޫޒު އެމީހުންނާއެކު އުޅޭ މީހުންގެ މައްޗަށް ކިހާ ބޮޑަށް ފޯރާކަމެވެ. ރަނގަޅު ރަހުމަތްތެރިޔާގެ ފަރާތުން ހެޔޮކަންތައް އުނގެނި، އޭނާގެ ރަގަޅު ސިފަތައް އަމިއްލަ ނަފުސަށް ލިބިގަނެވޭނެއެވެ. އަދި ނުބައި ރަހުމަތްތެރިޔާގެ ފަރާތުން ނުބައި ސިފަތައް ލިބިގަނެވި، ހަޔާތުގެ މަގު ހަލާކުވެގެން ހިނގައިދާނެއެވެ.
މިއަދުގެ ދުނިޔޭގައި، ޚާއްޞަކޮށް ސޯޝަލް މީޑިއާގެ ނުފޫޒު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރަނގަޅު ރަހުމަތްތެރިން ހޯދުމަކީ ކުރީގެ ޒަމާނަށްވުރެ މާ އުނދަގޫ ކަމަކަށްވަނީ ވެފައިވެއެވެ. ގިނަ މީހުން ރަހުމަތްތެރިކަން ބިނާކުރަނީ ވަގުތީ މަންފާތަކާއި، މާއްދީ ފައިދާތަކުގެ މައްޗަށެވެ. މިފަދަ ރަހުމަތްތެރިކަމަކީ ޙަޤީޤީ ރަހުމަތްތެރިކަމެއް ނޫނެވެ.
ޙަޤީޤީ ރަހުމަތްތެރިކަމަކީ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.
ޚާއްޞަކޮށް ފާހަގަކޮށްލަންޖެހޭ ކަމަކީ، ދީނީގޮތުން ރަނގަޅު މަގަށް އިރުޝާދުދޭ ރަހުމަތްތެރިއެއްގެ މުހިންމުކަމެވެ. ފަސް ނަމާދަށް ހިތްވަރުދީ، އެކަމަށް ދަޢުވަތުދޭ ރަހުމަތްތެރިއަކު ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. މިފަދަ ރަހުމަތްތެރިޔަކު އަހަރެމެންނަށް ހަނދާންކޮށްދެނީ އަހަރެމެން ދުނިޔެއަށް އައިސްފައިވާ މަޤްޞަދާއި، އަހަރެމެން ހަޔާތުގެ އަސްލު އަމާޒަކީ ކޮބައިކަމެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ." (ސޫރަތުއް ތަޙްރީމް: 6)
ރަނގަޅު ދީނީ ރަހުމަތްތެރިޔަކު އަހަރެމެންނަށް އެހީތެރިވެދެނީ މި އާޔަތުގައިވާ އަމުރުފުޅު ފުރިހަމަކުރުމަށެވެ. ފަސް ނަމާދަށް ހިތްވަރުދީ، ދީނުގެ ކަންތައްތަކުގައި އެކަކު އަނެކަކަށް ނަސޭހަތްތެރިވުމަކީ މުއުމިނުންގެ ސިފައެކެވެ.
ރަނގަޅު ރަހުމަތްތެރިއެއްގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބިގެންދާނެއެވެ. އަދި ނުބައި ރަހުމަތްތެރިއެއްގެ ސަބަބުން ދެދުނިޔެވެސް ހަލާކުވެދާނެއެވެ. އެހެންކަމުން، ރަހުމަތްތެރިން އިޚްތިޔާރުކުރުމުގައި ވަރަށް ބޮޑަށް ވިސްނައި، ރަނގަޅު ރަހުމަތްތެރިން ހޯދުމަށް މަސައްކަތްކުރަންޖެހެއެވެ.
ޚާއްޞަކޮށް ދީނީގޮތުން ރަނގަޅު މަގަށް އިރުޝާދުދޭ، ފަސް ނަމާދަށް ހިތްވަރުދޭ ރަހުމަތްތެރިއަކު ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އެފަދަ ރަހުމަތްތެރިއަކު ލިބިއްޖެނަމަ، އެ ނިޢުމަތް ދެމެހެއްޓުމަށް މަސައްކަތްކޮށް، އެ ރަހުމަތްތެރިކަމުގެ ޙައްޤު އަދާކުރަން ޖެހެއެވެ.
މާތްﷲ އަހަރެމެން އެންމެންނަށްވެސް ދުނިޔެއާއި އާޚިރަތުގައި ފައިދާހުރި ރަނގަޅު ރަހުމަތްތެރިން މިންވަރުކުރައްވާށިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

