ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަޚުރުވެރި ތަށި ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް ކާމިޔާބުކޮށްފިއެވެ. މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ރާއްޖޭގެ ގައުމީޓީމް މިހާތަނަށް ހޯދި އެންމެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ކަށަވަރުކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މޮޅާއެކު ރާއްޖެއިން ވަނީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ޖުމްލަ 15 ޕޮއިންޓް ހޯދާފައެވެ. ރާއްޖެއާ އެންމެ ގާތުން ވާދަކުރި ޕާކިސްތާނަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
މި މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ 6-1 އިންނެވެ. ތިންވަނަ މެޗުގައި އިންޑިއާ 5-0 އިން ބަލިކުރިއިރު، ހަތަރުވަނަ މެޗުގައި ނޭޕާލްގެ މައްޗަށް ކުރިހޯދީ 2-1 އިންނެވެ.
މިއަދުގެ މެޗަށް ރާއްޖެ ނުކުތީ މޮޅަކާއެކު ތަށި ކަށަވަރުކުރުމުގެ ވަރުގަދަ އަޒުމެއްގައެވެ. މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ބޫޓާނުގެ ގޯލަށް ބާރުބޮޑު ކުރި ނަމަވެސް، ކައުންޓާ އެޓޭކެއްގައި ބޫޓާނުގެ ޖިގްމޭ ޝުލްތުރީމް ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދިނެވެ.
ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ހިތްވަރު އެލުވައިނުލައި، މެޗުގެ ކޮންޓްރޯލް ހޯދުމަށް ފުލުފުލުގައި ހަމަލާތައް އުފެއްދިއެވެ. ޚާއްޞަކޮށް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. ރާއްޖެއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭއްނެ) އެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ފެނުނީ މާ ބޮޑަށްވެސް ރޭވުންތެރިކޮށް ކުޅުނުތަނެވެ. މެޗުގެ ލީޑު ރާއްޖެއަށް ނަގައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އަދި ރާއްޖެއަށް ތަށި ކަށަވަރުކޮށްދިން ތިންވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އިންމިއެވެ.
މުބާރާތުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެ މެޗަށް ރާއްޖޭގެ ޓީމު ނުކުންނާނީ މުޅި ސަރަހައްދުގެ ފުޓްސަލް ޗެމްޕިއަނުންގެ ޝަރަފުވެރި ލަގަބާއެކުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

