މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސިނަމާތަކަށް ރިލީޒްކުރި މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު "ތެރެ އިޝްގް މޭ" މިހާރު ވަނީ މަގުބޫލު ސްޓްރީމިންގ ޕްލެޓްފޯމް ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައެވެ.
ކަލަ ޔެލޯ ޕްރޮޑަކްޝަންސް އާއި ޓީ-ސީރީސް ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ ދެކުނު އިންޑިއާގެ ހުނަރުވެރި އެކްޓަރު ދަނުޝް އަދި ބޮލީވުޑްގެ ރީތީގެ ރާނީ ކްރިތީ ސެނޮން ލީޑް ރޯލުން ފެނިގެންދާ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
ޖުމުލަ 95 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން ފިލްމު ރިލީޒްކުރިތާ އެންމެ ހަފްތާއެއްގެ ތެރޭގައި 100 ކްރޯޑު ކްލަބުން މި ފިލްމު ވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް، އައިއެމްޑީބީ (IMDb) ފަދަ ރޭޓިންގް ސައިޓުތަކުގައި ބައެއް ބެލުންތެރިން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ދަނުޝް އާއި ކްރިތީގެ ފަރާތުން ފެނުނު އެވްރެޖް ޕާފޯމަންސެއް ހިމެނޭ ފިލްމެކެވެ.
އެހެން ނަމަވެސް، ގިނަ ބައެއްގެ މެދުގައި މި ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ބައެއް ބެލުންތެރިން ބުނާ ގޮތުގައި މިއީ މި ފަހަކަށް އައިސް ބޮލީވުޑުން ފެނިގެންދިޔަ އެންމެ ފުރިހަމަ ލޯބީގެ ވާހަކައެވެ. އަދި މިއީ ކޮންމެހެންވެސް ބަލާލަންވާ ފެންވަރުގެ ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މިއީ ދަނުޝް އާއި ކްރިތީ އެކުގައި ސްކްރީނުން ފެނުނު ފުރަތަމަ ފިލްމު ކަމަށްވާއިރު، މި ދެ ތަރިންގެ މެދުގައި އޮތް ކެމިސްޓްރީއަށް ބެލުންތެރިން ވަނީ ނުހަނު ތައުރީފުކޮށްފައެވެ.
މި ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީއަކީ މީގެ ކުރިންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. އޭނާގެ މަގުބޫލު އުފެއްދުންތަކުގެ ތެރޭގައި "ތަނޫ ވެޑްސް މަނޫ" ގެ އިތުރުން ދަނުޝް ލީޑް ރޯލު ކުޅެފައިވާ "ރާންޖަނާ" އަދި "އަތުރަންގީ ރޭ" ހިމެނެއެވެ. "ތެރެ އިޝްގް މޭ" އަކީ އާނަންދު އާއި ދަނުޝް ގުޅިގެން ގެނެސްދިން ތިންވަނަ ފިލްމެވެ. އުންމީދީ މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

