އައްޑޫ ސިޓީ މީދޫ މެދު ބަނދަރު ސަރަހައްދުން މޫދަށް މަސްހިފަން ގޮސް އުޅުނު މީހަކަށް ފަރުތޮޅިއެއް ހަމަލާދީ، ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.
ރޭ ގާތްގަނޑަކަށް 20:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ މީދޫ، ހަސަންދީދީ (ލޯންގޭ) އަށެވެ. އޭނާއަށް މި ހަމަލާ އަމާޒުވެފައިވަނީ މެދު ބަނދަރު ސަރަހައްދުގެ މޫދުގައި އޭނާގެ ރަހުމަތްތެރިއަކާއެކު މަސްހިފަން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރުތޮޅީގެ ތުންގަނޑު ހެރިފައިވަނީ ހަސަންދީދީގެ މޫނުމަތިން ނޭފަތާ ދިމާލަށެވެ. މި ހަމަލާގެ ސަބަބުން އޭނާގެ މޫނުމަތިން ނޭފަތާ ދިމާލަށް ވަރަށް ބޮޑަށް ޒަޚަމްވެފައިވެއެވެ. ހާދިސާ ހިނގުމާއެކު، އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ މީދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ލިބިފައިވާ ޒަޚަމްތައް ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް (ހިތަދޫ ހޮސްޕިޓަލަށް) ބަދަލުކުރެވިފައެވެ.
ހިތަދޫ ހޮސްޕިޓަލުން ހަސަންދީދީގެ ސީޓީ ސްކޭން ހެދުމަށްފަހު ބެލި ބެލުމުން، އޭނާގެ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ލޭ އެޅިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ހޮސްޕިޓަލުން މިހާރު ދަނީ ކުރަމުންނެވެ.
މިވަގުތު ހަސަންދީދީއަށް ފަރުވާ ދެމުންދަނީ ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.
ފަރުތޮޅި ހަމަލާދިނުމުގެ ހާދިސާތަކަކީ ރާއްޖޭގައި މަދުން ނަމަވެސް ހިނގާ ކަންކަމެވެ. މީގެ ކުރިން ހިނގާފައިވާ މިފަދަ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

