އޭޝިއާގެ އެންމެ މުއްސަނދި އާއިލާގެ ގޮތުގައި ބެލެވޭ އިންޑިއާގެ އަމްބާނީ އާއިލާގެ ހަގު ދަރިފުޅު އަނަންތު އަމްބާނީ އާއި އޭނާގެ އަނބިކަނބަލުން ރާދިކާ މާޗަންޓް، ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އަނެއްކާވެސް ދިވެހިރާއްޖެއަށް އައިސްފިއެވެ.
ޕްރައިވެޓް ޖެޓެއްގައި މިދިޔަ ހޮނިހިރު ދުވަހު މި ދެމަފިރިން ރާއްޖެ އައިސްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާދިކާ ފެންނަ ފޮޓޯތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ "ހޮޓެލިއާ މޯލްޑިވްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނަންތާއި ރާދިކާ މިފަހަރުގެ ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.
އަނަންތު އަންބާނީއާއި ރާދިކާގެ މިދަތުރުގެ ޚާއްސަ ކަމަކީ ހަމައެކަނި އެމީހުން ތިއްބެވި ރިސޯޓުގެ ފެންވަރާއި ލަގްޒަރީއެއް ނޫނެވެ. މި ދަތުރުގެ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައިގައި ބެލެހެއްޓުމަށްޓަކައި އެކަނިވެސް 50 ސެކިއުރިޓީ ގާޑުން ރާއްޖެ ގެނެސްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން، އެ ދެމަފިރިންގެ ދަތުރުފަތުރުގެ ކަންކަމަށް ޚާއްސަކޮށްގެން ދެ ސީޕްލޭން އަބަދުވެސް ތައްޔާރީ ހާލަތުގައި އިތާފުށީގައި ބާއްވާފައި އޮންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ދިވެހިރާއްޖެއަކީ އަމްބާނީ އާއިލާގެ މެދުގައި އަބަދުވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. މީގެ ކުރިންވެސް އާ އަހަރު ފާހަގަކުރުމަށާއި އެކި މުނާސަބަތުތަކުގައި އެ އާއިލާގެ މެމްބަރުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
އެންމެ ފަހުން މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް އަނަންތު ވަނީ ރާއްޖެ އައިސްފައެވެ. އެފަހަރު ސޮނެވާ ސީކްރެޓްގައި ޗުއްޓީ ހޭދަކުރެއްވިއިރު، ހދ. މަކުނުދޫއަށް ޒިޔާރަތްކޮށް އެރަށުން ކުކުޅަކާއި މުސަޅެއް ބައްލަވައިގަނެ، އެ ތަކެތި އިންޑިއާއަށް ގެންދިއުމަށް މަސައްކަތްކުރެއްވި ހާދިސާއަކީ އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ.
މިފަހަރުގެ ދަތުރުންވެސް ހާމަވެގެންދަނީ ދުނިޔޭގެ ނިސްބަތުން އެންމެ މުއްސަނދި ފަރާތްތަކަށް ރާއްޖެއަކީ ރައްކާތެރި އަދި އެހާމެ ހިތްގައިމު މަންޒިލެއްގެ ގޮތުގައި އޮތްކަމެވެ. އަމްބާނީ އާއިލާގެ މިފަދަ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް އިތުރު ކުރިއެރުމާއި މަޝްހޫރުކަން ލިބިގެންދެއެވެ.
Anant Ambani, Radhika Merchant arrive in Maldives for holiday
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

