ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އައްޑޫ ސިޓީ ފޭދޫގައި ހާއްސަ "ނައިޓް މާކެޓް" އެއް ބޭއްވުމަށް ފޭދޫ އަވަށު އޮފީހުން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ. މި ހަރަކާތަކީ ރޯދަމަހަށް ބޭނުންވާ ތަކެތި ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމަށާއި، ރަށުގެ އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.
މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީމަހު މަހުގެ 29 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ފޭދޫ ބަނދަރުމަތީ ސަރަހައްދުގައެވެ.
މިނައިޓް މާކެޓްގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މި ނައިޓްމާކެޓްގައި ބައިވެރިވެވޭނީ:
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް.
އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް.
ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް.
ވިއްކޭނެ ތަކެތި:
މި މާކެޓްގައި ވިއްކުމަށް ހަމަޖެހިފައިވަނީ ކާނާގެ ބާވަތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ވިޔަފާރިކުރުން ހުއްދަ އެހެނިހެން ހުރިހާ ބާވަތްތަކެކެވެ. މީގެ ތެރޭގައި އަންނައުނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ރޯދަމަހަށް ހާއްސަ އެކި ބާވަތްތަކުގެ މުދާ ހިމެނެއެވެ.
ރަޖިސްޓްރީވުން:ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިން ފޭދޫ އަވަށު އޮފީހުގެ ވައިބާ ނަންބަރު 7789044 މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
އިތުރު ހަރަކާތްތައް:
ފޭދޫގައި ބާއްވާ މި މާކެޓްގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫގައި ވެސް ރޯދައަށް ހާއްސަކޮށްގެން "ރޯދަ ކާނިވަލް" ގެ ނަމުގައި ބާޒާރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ކާނިވަލް ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ 1 އިން 15 އަށެވެ.
ފޭދޫގައި ރޯދަމަހާ ދިމާކޮށް މިފަދަ ނައިޓް މާކެޓްތައް ބޭއްވުމަކީ ފަހަކަށް އައިސް އާންމުވަމުން އަންނަ، އަދި ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމެކެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި މުދާ މާކެޓްކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

