ޒަބީ އޮލަންސޯ މަގާމުން ވަކިކުރުމަށްފަހު، ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ އަތުން 3-2 އިން ބަލިވެ، ކޮޕާ ޑެލް ރޭ އިން ކަޓައިފިއެވެ.
ބުދަ ދުވަހުރޭ ކުޅުނު ކޮޕާ ޑެލް ރޭގެ ގަދަ 16 ގެ މެޗުގައި ރެއާލް މެޑްރިޑް 3-2 އިން ބަލިވިއިރު، މިއީ އާލްވާރޯ އާރްބެލޯ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެގެން ކުޅުނު ފުރަތަމަ މެޗްކަމަށްވެފައި ދެވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުމަކީ އާރްބެލޯއަށް ކުރިމަތިވި ވަރަށް ބޮޑު ލަދުވެތިކަމެކެވެ.
ޒަބީ އޮލަންސޯގެ ބަދަލުގައި ހޯމަ ދުވަހު ކޯޗުކަމާ ހަވާލުވި އާރްބެލޯގެ ޓީމު މުބާރާތުން ކަޓައިގެން ދިޔައީ ކާލޯސް ބެލްމޮންޓޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެފްޓޭ ބެޓެންކޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އާއި އިތުރު މުހިންމު ކުޅުންތެރިން ނުލައި ކުޅުނު އާރްބެލޯގެ ޓީމަށް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ 17 ވަނައިގައި އޮތް އަލްބަސެޓޭއާ ދެކޮޅަށް ކުޅުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު 42 ވަނަ މިނިޓްގައި ޖަވީ ވިޔާރް ޖަހައިދީ އަލްބަސެޓޭއަށް ކުރިހޯދައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ އިތުރުވަގުތުގެ 3 ވަނަ މިނިޓްގައި ރެއާލްގެ ފްރެންކޯ މަސްޓަންޓުއޯނޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 އިން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެންގޮސް މެޗުގެ 82 ވަނަ މިނެޓުގައި ޖެފްޓޭ އަލްބަސެޓޭއަށް އަލުން ކުރިހޯދައިދިނެވެ. ނަމަވެސް، 91 ވަނަ މިނެޓުގައި ރެއާލްގެ ގޮންޒާލޯ ގާސިއާ ޖެހި ލަނޑާއެކު މެޗު އިތުރު ވަގުތަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ޖެފްޓޭ ވަނީ 94 ވަނަ މިނިޓްގައި އަލްބަސެޓޭ މޮޅުވި ލަނޑު ޖަހައި ޔޫރަޕްގެ 15 ފަހަރުގެ ޗެމްޕިއަނުން މުބާރާތުން ބޭރުކޮށްލާފައެވެ.
"މި ކްލަބުގައި އެއްވަރުވުމަކީވެސް ގޯސް ނަތީޖާއެއް، އެއީ ބޮޑު ހިތާމައެއް. މިފަދަ ބަލިވުމެއް ތަހައްމަލު ކުރުމަކީ ވަރަށް ވޭންހުރި ކަމެއް،"
ރެއާލްގެ ކޯޗް އާރްބެލޯ ނޫސްވެރިންނަށް ކިޔައިދިނެވެ.
"އަޅުގަނޑަށް ޔަގީން ހުރިހާ ސަޕޯޓަރުންވެސް ތިބޭނީ މިނަތީގެ ސަބަބުން މާޔޫސްވެފައިކަން . ވަކިން ހާއްސަކޮށް ދެވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ މުބާރާތުން ކެޓުމުން. ނަމަވެސް މި މުބާރާތުގައި ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއްކަން އަޅުގަނޑުމެންނަށް އެނގޭ."
"މި ނަތީޖާގެ ޒިންމާ އުފުލަންޖެހޭނީ އަޅުގަނޑު. ކުޅުންތެރިން ނެރުމާއި، ކުޅޭނެ ގޮތާއި، ބަދަލުތައް ގެނައުމުގެ ނިންމުންތައް ނިންމީ އަޅުގަނޑު. ކުޅުންތެރިން އަޅުގަނޑަށް ދިން އެއްބާރުލުމަށާ އެކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު އަދާކުރަން."
ރެއާލްގެ ކޯޗް އާރްބެލޯ ނޫސްވެރިންނަށް ކިޔައިދިނެވެ.
އާދިއްތަ ދުވަހު ބާސެލޯނާ އަތުން ސްޕެނިޝް ސުޕަ ކަޕް ފައިނަލުން ބަލިވުމާ ގުޅިގެން، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އޮލަންސޯގެ ބަދަލުގައި ރިޒާވް ޓީމުގެ ކޯޗަކަށް ހުރި އާރްބެލޯ ކޯޗުކަމަށް އައްޔަންކޮށްފައެވެ.
ރޭ ކުޅެވުނު މި މެޗުގައި އާރްބެލޯ ވަނީ އޭނާ ކުރިން ކޯޗުކޮށްދިން ރިޒާވް ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ޖޯޖް ސެސްޓެރޯ އާއި ރައިޓް ބެކް ޑޭވިޑް ޖިމެނޭޒް ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.
ރެއާލްގެ އައުކޯޗް އާރްބެލޯ ރޭގެ މެޗްގައި އެމްބާޕޭގެ އިތުރުން ގޯލްކީޕަރު ތިބޯ ކޯޓުއާ އާއި ޖޫޑް ބެލިންހަމް ފަދަ މުހިންމު ކުޅުންތެރިންނަށް މި މެޗުގައި ވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ. އެއީ ހޮނިހިރު ދުވަހު ލެވަންޓޭއާ ދެކޮޅަށް ކުޅޭ ލަލީގާ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.
"އަޅުގަނޑަށް އަލުން ފުރުސަތު ލިބުނަސް ނިންމާނީ ހަމަ މިގޮތަށް. އަޅުގަނޑު ރޭގެ މެޗަށް ނެރުނީ މޮޅުވެވޭނެ ފަދަ ޓީމެއް،" އާރްބެލޯ ބުންޏެވެ.
"އަޅުގަނޑު ނާކާމިޔާބީއަކަށް ބިރެއް ނުގަނޭ. މިއީ ނާކާމިޔާބީއެއް ކަމަށް ބަޔަކު ބުނިކަމުގައިވިޔަސް އަޅުގަނޑު ގަބޫލުކުރަން. ނާކާމިޔާބީއަކީ ކާމިޔާބީއަށް ދާ މަގުގައި އޮންނަ ހުރަހެއް،" ރެއާލްގެ ކޮޝް އާރްބެލޯ އިތުރަށް ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކެޕްޓަން ޑެނީ ކަރްވަހާލް ބުނީ، މިއީ ކްލަބަށް ދަތި ވަގުތެއް ކަމަށާއި، ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ފުރާނަދީގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، ރެއާލް ބެޓިސް ވަނީ އެލްޗޭ އަތުން 2-1 އިން މޮޅުވެފައެވެ. އަދި އަލަވޭސް ވަނީ ރަޔޯ ވަޔެކާނޯ އަތުން 2-0 އިން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބުރާސްފަތި ދުވަހު ނުކުންނާނީ ރޭސިން ސަންޓަންޑަރާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

