ސްޕެނިޝް ސުޕަ ކަޕްގެ ފޯމެޓަށް ގެނައި ބަދަލަށްފަހު، ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ދިފާއުކުރި ޓީމަކަށް ބާސެލޯނާ ވެއްޖެއެވެ.
ރޭ ކުޅުނު ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މުޅި މެޗަށް ބަލާއިރު، ރެއާލް މެޑްރިޑުން ބޭނުންކުރި ތަފާތު އަދި ހީނުކުރާ ފަދަ ކުޅުމެއްގެ ސަބަބުން، މެޗު ފެނިގެންދިޔައީ ބާސެލޯނާ އިން އުއްމީދުކުރި ވަރަށްވުރެ މާ ވާދަވެރިކޮށެވެ. ނަމަވެސް، ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅުނު ބާސެލޯނާގެ ކުޅުންތެރިން ވަނީ އެންމެ މުހިންމު ވަގުތުތަކުގައި ރަގަޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނިޓްގައި ރަފީނިއާ ކާމިޔާބުކުރި ލަނޑުން ބާސެލޯނާ އިން ކުރި ހޯދި ނަމަވެސް، ފުރަތަމަގެ އިތުރު ވަގުތުގެ 2 ވަނަ މިނިޓްގައި ވިނީޝިއަލް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެންމަވެސް އިތުރު ވަގުތުގެ 4 ވަނަ މިނިޓްގެ ތެރޭގައި ލެވަންޑޯންސްކީ ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް މެޗްގެ ލީޑް ހޯދާފައެވެ. އެކަމަކު އިތުރު ވަގުތުގެ 6 ވަނަ މިނިޓްގައި ރެއާލްމެޑްރިޑުން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގެ ނަތީޖާ ބާސެލޯނާ ކޮޅަށް އަނބުރާލީ 73 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑުންނެވެ. މި ލަނޑާއެކު 3-2 އިން މެޗު ކާމިޔާބުކޮށް، ބާސެލޯނާ އިން ވަނީ ތަށި އުފުލާލާފައެވެ.
މި މެޗުން ފާހަގަވި މުހިންމު ކަންތައްތަކަށް ބަލާއިރު، ބާސެލޯނާގެ ފަރާތުން ފެނުނު ރަނގަޅު ކުޅުމަށް ތައުރީފު ހައްގުވި ނަމަވެސް، ބައެއް ސަޕޯޓަރުން ދެކޭގޮތުގައި ޓީމުގެ ކުޅުން މިއަށްވުރެ ރަނގަޅު ކުރެވެން އޮތެވެ. ރޭގެ މެޗުގައި ރެއާލް މެޑްރިޑުގެ ފަރާތުން ފެނުނީ ވަރަށް ބަލިކަށި ކުޅުމެކެވެ. ހާއްސަކޮށް މެދުތެރެއިން ކުޅުން ބިނާކުރުމުގައި އެ ޓީމު ނުކުޅެދިފައިވާއިރު، ޑިފެންސް ފެނުނީ ވަރަށް ބަލިކަށިކޮށެވެ. ރެއާލްގެ ކޯޗު ޒަބީ އެލޮންސޯ މެޗު ފެށީ ވެސް ބާސެލޯނާ އަށް ބޯޅަ ކޮންޓްރޯލް ދީގެން، ޑިފެންސަށް އިސްކަންދީގެން ކައުންޓަރ އެޓޭކުގައި ކުޅުމުގެ ނިޔަތުގައެވެ
މުޅި މެޗުގައި ބާސެލޯނާ އިން ބޯޅަ ހިފަހައްޓައިގެން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ބާސެލޯނާގެ ކޮޅަށް ވަން ދެ ލަނޑަކީ ޑިފެންސްގެ ބޮޑެތި ގޯސްތަކަކުން ވަން ލަނޑުތަކެކެވެ. ހާއްސަކޮށް ޖޫލްސް ކުންޑޭ އާއި ޕާއު ކުބާސީގެ ފަރާތުން ފެނުނު ބަލިކަށި ޑިފެންސުގެ ސަބަބުން ރެއާލްގެ ވިނީޝިއަސް ޖޫނިއަރ އަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މޮޅުވުމަކީ އުފަލެއް ނަމަވެސް، ޑިފެންސްގެ މި ބަލިކަށިކަމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރަފީނިއާ އަކީ ރޭގެ މެޗުގެ ތަފާތެވެ. ކޯޗު އެލޮންސޯ މެޗުގެ ކުރިން ލަފާކުރި ފަދައިން، ރަފީނިއާ ވަނީ ބާސެލޯނާގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާގެ ދައުރު އަދާކޮށްފައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު ތިބޯ ކޯޓުއާ ބަލަހައްޓަމުންދިޔަ ގޯލަށް އޭނާ ކާމިޔާބުކުރި ލަނޑުތަކަކީ އޭނާގެ ހުނަރުވެރިކަން ހާމަކޮށްދިން ކަމެކެވެ.
މި ކާމިޔާބީއަކީ ސީޒަނުގެ ކުރިއަށް ހުރި މުހިންމު މެޗުތަކަށް ބާސެލޯނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
މިއީ މި ސީޒަނުގައި އެ ޓީމުން ހޯދި ފުރަތަމަ ތަށްޓެވެ. އަދި މިއީ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ކުޅުނު ތިން ފައިނަލްގެ ތެރެއިން ކާމިޔާބުކުރި ތިންވަނަ ފައިނަލެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފްލިކްގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކުޅުނު އަށް ފައިނަލުން ވެސް އޭނާ ވަނީ ތަށި ހޯދާފައެވެ. މި މޮޅާއެކު ލަލީގާ، ކޮޕާ ޑެލް ރޭ އަދި ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ބާސެލޯނާ އަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

