ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ "ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގެ ފޯރިގަދަ މެޗުތަކެއް ރޭ ކުޅެވުނުއިރު، އައްޑޫ އަތޮޅުގެ ސެމީ ފައިނަލްގެ ފަހު ޖާގަ މީދޫން ކަށަވަރުކޮށްފިއެވެ.
މިއަހަރުގެ މުބާރާތުގައި އައްޑޫ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.

އައްޑޫ ސެމީގެ ފަހު ޖާގަ މީދޫން ހޯދީ ރޭ ހިތަދުއާ ބައްދަލުކޮށް 1-1 އިން މެޗު އެއްވަރުކޮށްގެންނެވެ. މި ނަތީޖާއާއެކު، ހިތަދުއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނަ މަގާމު ޔަގީންވިއިރު، މީދުއަށް ދެވަނަ ލިބުނީ ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުގައި ހިތަދޫގެ ގޯލް އީމާން ނަޒީރު ކާމިޔާބުކޮށްދިންއިރު، މީދޫގެ ގޯލަކީ ހިތަދޫގެ މުހައްމަދު ސަބާހް މަންސޫރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އައްޑޫގެ އަނެއް ގްރޫޕްގެ ފަހު މެޗުގައި ރޭ ފޭދުއާއި މަރަދޫ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ދެ ޓީމަށްވެސް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް، ފައިދާ ގޯލްގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބުނީ މަރަދުއަށެވެ. ފޭދުއަށް ލިބުނީ ގްރޫޕްގެ ދެވަނައެވެ. މި މެޗުގައި ފޭދޫގެ ދެ ގޯލްވެސް ޖަހައިދިނީ މުހައްމަދު ސަޔަމް ސައީދެވެ. މަރަދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން ޝިއުސްއާއި ހަސަން ނޫރިޝްއެވެ.
މި ނަތީޖާތަކާއެކު، އައްޑޫ އަތޮޅުގެ ސެމީ ފައިނަލްގެ ޖާގަތައް މިހާރު ވަނީ މުޅިން ކަށަވަރުވެފައެވެ. ސެމީ ފައިނަލްގައި ބައްދަލުކުރާނީ ހިތަދުއާއި ފޭދޫގެ އިތުރުން މަރަދުއާއި މީދޫއެވެ.
މުބާރާތުގެ ފޯރި ގަދަވަމުންދާއިރު، ހުރިހާ ޓީމުތަކަކުންވެސް އަންނަނީ އަތޮޅު ތަށި ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

