ހުޅުދޫގެ ތަރައްގީ އާއި ރައްޔިތުންގެ ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަކީ އަބަދުވެސް އަޅުގަނޑު އިސްކަންދޭ ކަމަށާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޒުވާނުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، އަޅުގަނޑުގެ ނިންމުން ހާމަކުރުމަކީ މުހިންމު ކަމެއް ކަމުގައި ހުޅުދޫ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ އަހުމަދު ނިޒާމް ބުނެފިއެވެ.

އަހުމަދު ނިޒާމް މިހެން ބުނެފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިއުއްވުމެއްގައެވެ.
އެންމެ ފަހުން ބޭއްވުނު ހުޅުދޫ ޕީއެންސީގެ ޕްރައިމަރީގައި ކައުންސިލް މެންބަރުކަމަށް އަހުމަދު ނިޒާމު ވާދަކުރެއްވީ ރަށަށް ޚިދުމަތް ކުރުމުގެ މާތް މަގުސަދުގައެވެ. ނަމަވެސް، އެ އިންތިޚާބުގައި އަހުމަދު ނިޒާމް އަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. މިއީ ސިޔާސީ މައިދާނުގައި ކުރިމަތިވާނެ ކަންކަން ކަމުގައި ވީނަމަވެސް، ރަށުގެ ތަރައްގީއަށް އޮތް ޝައުގުވެރިކަމަށް މީގެ ސަބަބުން ބަދަލެއް ނާދެއެވެ.
" ޕްރައިމަރީގެ ނަތީޖާއަށްފަހު ވެސް، ހުޅުދޫގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުންނާއި، އިސްރަށްވެހިން އަދި ހެޔޮއެދޭ ފަރާތްތަކުން ދަނީ އަޅުގަނޑާ ބައްދަލުކޮށް ކައުންސިލް މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް ބާރުއަޅަމުންނެވެ. ރަށުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުގެ ހިއްސާ މުހިންމު ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާކަން ހާމަކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ"
އަހުމަދު ނިޒާމްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
" ހުޅުދޫގެ ލޮބުވެތި ރައްޔިތުންނާއި ޒުވާނުން އަޅުގަނޑުގެ ކިބައިން އެދެމުންދާ އެދުމާ މެދު މިވަގުތު އަޅުގަނޑު ދަނީ ވަރަށް ފުންކޮށް ވިސްނަމުންނެވެ. ރަށުގެ މަސްލަހަތާއި، ތަރައްގީއަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ތިޔަބޭފުޅުން އެދިލައްވާ ގޮތާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ."
އަހުމަދު ނިޒާމުގެ ފޭސް ބުކްގައި އިތުރަށް ބުނެފައިވެއެވެ.
" އަޅުގަޑުގެ އުންމީދަކީ އަބަދުވެސް ހުޅުދޫގެ ރައްޔިތުންނަށް އެންމެ ފައިދާހުރި، އަދި އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމެވެ. އިރާދަކުރެއްވިއްޔާ މިކަމުގައި އަޅުގަނޑު ނިންމާ ގޮތެއް ވަރަށް އަވަހަށް ރައްޔިތުންނަށް ހާމަކުރާނަމެވެ."
އަހުމަދު ނިޒާމުގެ ފޭސްބުކް ޕޭޖްގައި އަހުމަދު ނިޒާމު ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

