ވެނެޒުއޭލާއަށް ދިނުމަށް ރާވާފައިވާ ދެވަނަ ބުރުގެ ހަމަލާތައް ކެންސަލްކޮށްފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހުގެ ހެނދުނު އިއުލާނު ކުރައްވައިފިއެވެ.
އެގައުމުގެ އާ ސަރުކާރުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމާއި، ހަކަތައިގެ ދާއިރާއިން އެމެރިކާގެ އޮފިޝަލުންނާ ގުޅިގެން މަސައްކަތް ކުރަމުންދާތީ ޓްރަމްޕް ވަނީ އެ ގައުމަށް ތައުރީފު ކުރައްވާފައެވެ.
"އެމެރިކާއާއި ވެނެޒުއޭލާއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް. ހާއްސަކޮށް އެ ގައުމުގެ ތެލާއި ގޭހުގެ ވަސީލަތްތައް ކުރިއަށްވުރެ ބޮޑުކޮށް، ރަނގަޅަށް އަދި ޒަމާނީ ފެންވަރަކަށް އަލުން ބިނާކުރުމުގައި ދެ ގައުމުން ދަނީ ގުޅިގެން މަސައްކަތް ކުރަމުން،"
ޓްރަމްޕްގެ 'ޓްރުތް ސޯޝަލް'ގައި ލިޔުއްވާފައިވެއެވެ.
"މި އެއްބާރުލުމުގެ ސަބަބުން، ކުރިން ދިނުމަށް ނިންމާފައިވާ ދެވަނަ ބުރުގެ ހަމަލާތައް މިހާރު ވަނީ މަޑުޖައްސާލާފައި. އެފަދަ ހަމަލާއެއް ދޭންޖެހޭނެ ކަމަކަށް މިހާރު ނުބެލެވޭ. އެހެންނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދުގައި ހުރި ހަނގުރާމަމަތީ އުޅަނދުތައް އެގޮތުގައި ދެމިއޮންނާނެ."
ޓްރަމްޕްގެ 'ޓްރުތް ސޯޝަލް'ގައި ލިޔުއްވާފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ސިފައިން ވަނީ ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއިން އެގައުމުގެ ލީޑަރު ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްފައެވެ. އަދި މަސްތުވާތަކެއްޗާއި ޓެރަރިޒަމާ ގުޅުންހުރި ދައުވާތަކެއް އުފުލުމަށް އޭނާ ވަނީ އެމެރިކާއަށް ގެންގޮސްފައެވެ. މިއީ މުޅި ހުޅަނގުގެ ގައުމުތައް ސިއްސުވާލި، ބޭރުގެ ގައުމުތަކާ މެދު ގެންގުޅޭ ސިޔާސަތުގެ ވަރުގަދަ ފިޔަވަޅެކެވެ.
ނަމަވެސް، ވެނެޒުއޭލާގެ ކުރިމަގާ މެދު އެމެރިކާގެ ސަރުކާރުން ގެންގުޅޭ ރޭވުންތަކަށް މިހާރު ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. 'ނިއުޔޯކް ޓައިމްސް' އަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ކަރަކަސްގެ ކަންކަން ބަލަހައްޓާނީ އެމެރިކާއިން ކަމަށް ވެދާނެ ކަމަށެވެ.
މީގެ އިތުރުން، ވެނެޒުއޭލާގެ ހަކަތައިގެ ދާއިރާ އާލާކުރުމަށްޓަކައި ތެޔޮ ކުންފުނިތަކުން 100 ބިލިއަން ޑޮލަރު ހޭދަކުރުމަށް ތައްޔާރަށް ތިބިކަން ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު ހާމަކުރައްވާފައެވެ.
އެ ގައުމުގައި ތެޔޮ ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތަކަށް، ހުކުރު ދުވަހު ވައިޓް ހައުސްގައި ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާ ރައީސް ޓްރަމްޕް ބައްދަލުކުރައްވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

