މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކަކީ ބައެއް ފަހަރު ކަނޑުގެ ރާޅުތަކެއް ފަދައިން އެކަކު އަނެކަކަށް ފޯރަމުންދާ އެއްޗެކެވެ. ދާދި ފަހުން މީހަކު "ބަގާޅީއެކޭ" ބުނެ މީހަކާ ދިމާލަށް ނުރުހުމުގެ ބަސްތަކެއް ރައްދުކުރި ވާހަކައަކީ މިއަދު ގިނަ ބައެއްގެ މެދުގައި ދެކެވޭ ވާހަކައެކެވެ. އެކަމުގެ ހަގީގަތް އެނގޭ މީހުން އެ ވާހަކަ ތުންތުންމަތިން ދަނީ އެކަކު އަނެކަކަށް ކިޔައިދެމުންނެވެ.
މި ވާހަކަ ފެށިގެން އައީ އެމީހަކު ދެއްކި ބޭ އަދަބީ ބަސްތަކަކާ ހިސާބުންނެވެ. ނަމަވެސް، އެ ބުނި ބަހުގެ ސަބަބުން ކުރިމަތިވެދާނެ ފާޑުކިޔުންތަކުން ސަލާމަތްވުމަށްޓަކައި، އެކި މަޖިލިސްތަކުގައި އެކި ގޮތަށް އެ ވާހަކަ ދިފާއުކުރަން އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ގާތް މީހުންގެ ގާތުގައި އެއީ އޮޅުމަކުން ބުނެވުނު އެއްޗެއް ކަމަށް ބުނާއިރު، އަނެއް ބައެއްގެ ގާތުގައި އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ދައްކަން އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
މީގެ އިތުރުން، އާންމުންގެ ރުހުން ހޯދުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ލިޔުންތައް އޭނާ ވަނީ ފަތުރާފައެވެ.
އަމިއްލަ ނަފްސަކީ ވަރަށް އަދަބުވެރި، ހަރުދަނާ މީހެއްގެ ގޮތުގައި ދެއްކުމަށްޓަކައި ލިޔެފައިވާ އެ ލިޔުންތަކަކީ ހަމައެކަނި މީހުންގެ ލޯމަތީގައި އަގު ހިފެހެއްޓުމަށް ކުރި މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ސޯޝަލް މީޑިއާގައި ކޮންމެ ފަދަ މޮޅު ވާހަކައެއް ލިޔުނު ކަމުގައި ވިޔަސް، ދުލުން ބޭރުވި ބަސްތަކަކީ ނުދައްކާ ވާހަކައަކަށް ނުހެދޭނެއެވެ.
އެ ވާހަކަ ސީދާ ކަންފަތަށް އިވުނު މީހުން ބުނާ ގޮތުގައި، މީހުންގެ ކުރިމަތީގައި "މާސްކެއް" އަޅައިގެން އުޅުނަސް، ހަގީގަތް އޮންނާނީ ހަމަ އެ ގޮތުގައެވެ. ދުލުން ބޭރުވާ ކޮންމެ ބަހަކީ އޭގެ ނަތީޖާ އޮންނާނެ އެއްޗެކެވެ.
މިއަދު ތުންތުންމަތިން ދެކެވޭ މި ވާހަކަތަކުން އެނގިގެންދަނީ، މީހުންގެ ރުހުން ހޯދުމަށް ފަހުން ކުރާ މަސައްކަތަކުން، ކުރިން ބުނެވުނު ހަޑިހުތުރު ބަހުގެ އަސަރު ފޮހެލުމަކީ ފަސޭހަ ކަމެއް ނޫން ކަމެވެ. އިވުނު މީހުންގެ ހިތްތަކުގައި އެ ބަސްތައް ވަނީ ބަދަލުނުކުރެވޭނެ ފަދައިން ބީހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

