ޕާކިސްތާނުގެ އާ ޑްރާމާ ސީރީޒް ”ސަޒާވާރް“ އޭއާރްވައި ޑިޖިޓަލް ޗެނަލުން (މީޑިއާނެޓްގެ 617 ނަމްބަރު ޗެނެލުން ) މިރޭ ދައްކަން ފަށާނެކަމަށް އިއުލާންކޮށްފިއެވެ.
ލޯބީގެ އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާވެފައިވާ މި ޑްރާމާ ސީރީޒްގެ މައިގަނޑު ރޯލުތައް ކުޅެފައިވަނީ މަޝްހޫރު ތަރިން ކަމަށްވާ ޚަޤާން ޝާހްނަވާޒް އާއި އަލިޝްބާ ޚާން އެވެ. މީގެ އިތުރުން، އެހެނިހެން މުހިންމު ރޯލުތަކުން ބިސްމާ ބާބަރް، އާސިމް މަހްމޫދު، ސަލީމް ޝެއިޚް، ފަޒީލާ ޤާޒީ އަދި މަހަމް ނަޤްވީ ފަދަ ތަރިން ވެސް ފެނިގެންދާނެއެވެ.
”ސަޒާވާރ“ އަކީ ސަމީނާ އިޖާޒްއާއި ވަޖީދާ މުއީންގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ފުރްޤާން އާދަމް އެވެ. ފުރްޤާން އާދަމް އަކީ މިދިޔަ އަހަރު ޖީއީއޯ ޓީވީން ގެނެސްދިން ”ޗާލް“ އާއި، މިއަހަރުގެ ކުރީކޮޅު ހަމް ޓީވީއިން ގެނެސްދިން ”ޖުޅްވާ“ ގެނެސްދިން ޑައިރެކްޓަރެވެ. ސީރީޒްގެ ސްކްރީންޕްލޭ ލިޔުނު ސަމީނާ އިޖާޒްގެ މަޝްހޫރު އެހެން މަސައްކަތްތަކުގެ ތެރޭގައި ”ޒަޚަމް“، ”އިޝްޤް ބޭޕަރްވާ“ އަދި ”އޭކް ލަފްޒް ޒިންދަގީ“ ފާހަގަކޮށްލެވެއެވެ.
އައިޑްރީމް އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން ގެނެސްދޭ ”ސަޒާވާރް“ މިރޭ އޭއާރްވައި ޑިޖިޓަލް ޗެނަލުން ދައްކަން ފަށާއިރު، ކޮންމެ ރެޔަކު ރާއްޖެ ގަޑިން ރޭގަޑު 8:00 ގައި އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އޭއާރްވައި ޑިޖިޓަލްގެ ޔޫޓިއުބް ޗެނަލުން ވެސް އެޕިސޯޑްތައް ދައްކަމުންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

