އީރާނުން މިސައިލް މަޝްރޫޢު ފުޅާކުރުމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ނުރައްކާތެރި ޙާލަތެއް އުފެދޭނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ދަންނަވަން ޔަހޫދީން ތައްޔާރުވަމުންދާ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ. މިކަމަށް މަގުފަހިވެފައިވަނީ، މީގެ ކުރިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދިން ޙަމަލާތަކަށްފަހު، އެ ޤައުމުން އަލުން އެ މަރުކަޒުތައް މަރާމާތުކޮށް މަޝްރޫޢު ކުރިއެރުވުމަށް މަސައްކަތްކުރުމުންނެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ހުރަސްއެޅުމުގެ ބަހަނާގައި އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންސުވެރިންނާއި އާންމުން ޝަހީދުކޮށްލާފައިވެއެވެ. މި ޙަމަލާތަކަށްފަހު އީރާނުން ވަނީ ހިމޭނަކުން ނުތިބެ، 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3' ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
އޭގެފަހުން، ޖޫން މަހުގެ 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ވަރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ އީރާނުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް މި ޙަމަލާ ދީފައިވެއެވެ. ޙަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް އެއްކޮށް ފަނާކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މި ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. މި ހުރިހާ ހަމަލާތަކަށްފަހު، ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
މިހާރު އީރާނުން އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތައް އަލުން މަރާމާތުކޮށް، މިސައިލް މަޝްރޫޢު ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ޔަހޫދީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން، އީރާނުގެ މިސައިލް މަޝްރޫޢުއަށް އަލުން ޙަމަލާ ދެވިދާނެ ގޮތްތަކާމެދު ގޮތެއް ނިންމުމަށް ޓްރަމްޕްއާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޔަހޫދީން ތައްޔާރުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އެމެރިކާގެ އެހީތެރިކަމާއެކު އީރާނުގެ މިސައިލް ޤާބިލިއްޔަތު ހީނަރުކުރުމަކީ ޔަހޫދީ ދައުލަތުގެ މައިގަނޑު އެއް މަޤްޞަދެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

