ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް، އެގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކާކީ އައްޔަންކުރައްވައިފި އެވެ. މި މަގާމާއެކު އޭނާ ވެގެން ގޮސްފައިވަނީ ނޭޕާލްގެ ތާރީޚުގައި އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.
ސުޝިލާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ގައުމުގައި ހިނގި ފުޅާދާއިރާގެ މުޒާހަރާތަކަށްފަހު، ނޭޕާލްގެ ރައީސް ރާމް ޗަންދްރާ ޕައުޑެލް އާއި އެގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަޝޮކް ރާޖް ސިގްޑެލްގެ އިތުރުން މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުނު ޒުވާނުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.
ނޭޕާލްގެ އެކި ސިޓީތަކުގައި ހިންގި މި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށެވެ. ނޭޕާލްގެ ޒުވާނުން ކުރި ވަރުގަދަ މުޒާހަރާތަކާއެކު އެގައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މުޒާހަރާތައް ހޫނުވެ އެންމެފަހުން އާންމުންގެ ބަޔަކު ވަނީ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ އެތައް ބައެއްގެ ގެތަކުގެ އިތުރުން ބައެއް ހޮޓެލްތަކުގައި ވެސް ހުޅުޖަހައިފަ އެވެ. މި ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެފައިވާއިރު، ނޭޕާލްގެ ސިފައިން މިހާރު އަންނަނީ ގައުމުގައި ހަމަޖެހުން ގާއިމުކުރަން ފިޔަވަޅުތައް އަޅަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

