ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި ސ. މީދޫގެ ނަލަފެހި ޖަމްއިއްޔާ ގުޅިގެން، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ފެހިކުރުމުގެ މަޤްސަދުގައި ގަސްއިންދުމުގެ ޚާއްސަ ޕްރޮގްރާމެއް މީދޫގައި ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ "ފަސްމިލިއަން ގަސް އުރީދޫގެ ހިއްސާ" މިޝިއާރުގެ ދަށުންނެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގައުމީ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "5 މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫއާއި ނަލަފެހި ޖަމްއިއްޔާ ގުޅިގެން ހިންގާ ގަސްއިންދުމުގެ ޕްރޮގްރާމެކެވެ.
ގަސްއިންދުމުގެ މިޕްރޮގްރާމްގެ ދަށުން މީދޫގައި 2000 ގަސްއިންދުމަށް ވަނީހަމަޖެހިފައެވެ.
މިމަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މިޚާއްސަ ހަރަކާތުގައި ސ. އަތޮޅުމަދަރުސާގެ ދަރިވަރުންނާއި، ޝަރީފީ ޕްރީ ސްކޫލްގެ ދަރިވަރުން އަދި އަސްރިއްޔާ ޕްރީސްކޫލްގެ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ހުޅުމީދޫގެ ބައެއް މުވައްސަސާތަކުގެ ބޭފުޅުންނާއި، ނަލަފެހި ޖަމްއިއްޔާގެ މެމްބަރުން އަދި އުރީދޫގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ، ގަސް އިންދާފައިވެއެވެ.
މިފަދަ ހަރަކާތްތަކަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ވަރަށް މުހިންމު ކަންކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އުރީދޫއާއި ނަލަފެހި ޖަމްއިއްޔާ ގުޅިގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ދެފަރާތުންވެސް ދެމުންދާ އެއްބާރުލުމުގެ ރަމްޒެކެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

