"ސާފު މުޖުތަމައެއް އެންމެންގެ ޒިންމާއެއް" މި ޝިއާރުގެ ދަށުން، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ޕޯޓް ނުވަތަ ސަރަހައްދީ ބަނދަރުގެ ދެކުނު ފަރާތް ސާފު ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މިއީ ސާފުތާހިރު މާހައުލެއް ބިނާކުރުމުގެ ގޮތުން ހިތަދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ހިންގި ހަރަކާތެކެވެ.

ހިތަދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދެވުނު މި ސާފު ކުރުމުގެ ޕްރޮގްރާމްގައި ހިތަދޫ ޕޯޓް ލިމިޓެޑް އަދި ޕަބްލިކް ވާރކްސްގެ އެހީތެރިކަން ލިބުނުކަމަށް ހިތަދޫ އަވަށު އޮފީހުން ވަނީ ހާމަކޮށްފައެވެ. މި ހަރަކާތުން ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށްވެސް އެ އޮފީހުންވަނީ ބުނެއެވެ.

އިއްޔެ ކުރިއަށް ގެންދެވުނު މި ސާފުކުރުމުގެ ޕްރޮގްރާމްގައި ގާތްގަނޑަކަށް 5000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ސާފުކުރެވިފައިވާއިރު، ޖުމްލަ 215 ޓަނުގެ ކުނި އެ ސަރަހައްދުން ނެގުނުކަމަށް ހިތަދޫ އޮފީހުން ހާމަކޮށްފައިވެއެވެ. މިހާ ގިނަ އަދަދެއްގެ ކުނި އެއްފަހަރާ ނެގުނުކަމީ ބަނދަރު ސަރަހައްދު ސާފުތާހިރުކޮށް ބެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ސާފު ކުރުމުގެ ޕްރޮގްރާމްގައި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު އަދާލާ އާއި، ހިތަދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި، އަދި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވެ މަސައްކަތްކޮށްފައެވެ.
މި ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވުމުގައި ބައިވެރިވެދެއްވައި، ހިތަދޫ ޕޯޓް ސަރަހައްދު ސާފުތާހިރު ކުރުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ހިތަދޫ އަވަށު އޮފީހުން ވަނީ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ސާފު މާހައުލެއް ބިނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް އިތުރުކުރެވޭނެކަމަށް ހިތަދޫ އަވަށު އޮފީހުންވަނީ ހާމަކޮށްފައެވެ.
ޚަބަރާއި ގުޅޭ ފޮޓޯ: އައްޑޫސިޓީ ކައުންސިލްގެ އިދާރާ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

