އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ޑައިވިންގ ސެންޓަރެއް މީދޫގައި ހުޅުވައިފިއެވެ.
"މީދޫ ސްކޫބާ ކްލަބް" ގެ ނަމުގައި ހުޅުވުނު މި ޑައިވިންގ ސެންޓަރަކީ، ސަދަން މޯލްޑިވްސް ޑައިވާސްގެ ފަރާތުން މީދޫގައި ޤާއިމްކޮށްފައިވާ ޑައިވިންގ ސެންޓަރެކެވެ. މި ފަރާތުން ކުރިންވެސް ވަނީ މީދޫ ކައިރީގައި އޮންނަ ސައުތު ޕާމް ރިސޯޓުގައި ޑައިވިންގ ސެންޓަރެއް ހިންގާފައެވެ.
މި ޑައިވިންގ ސެންޓަރުގެ ރަސްމީކޮށް ހުޅުވުން ބޭއްވުނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ހަވީރު، ޚާއްޞަ ރަސްމިއްޔާތަކާއެކުގައެވެ. މި ރަސްމިއްޔާތުގައި "މީދޫ ސްކޫބާ ކްލަބް" ޑައިވިންގ ސެންޓަރު ހުޅުއްވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، ޑެޕިއުޓީ މޭޔަރު ޝުޢާ އަދި މީދޫ ކައުންސިލަރު ސޯލިޙާއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގައި ޓުއަރިޒަމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މިހުޅުވުނު ޑައިވިންގ ސެންޓަރަކީ ވަރަށް މުހިންމު ތަނެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ އިޤްތިޞާދަށްޓަކައި ވެވޭ ކޮންމެ ކަމަކީ އެކަމުގެ ސަބަބުން އައްޑޫގެ ހުރިހާ ރައްޔިތުންވެސް އުފާކުރާނެ ކަމެއްކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
މޭޔަރު ނިޒާރު މިރަސްމިއްޔާތުގައި ޚާއްޞަކޮށް ފާހަގަކުރެއްވީ މި ޑައިވިންގ ސެންޓަރުގެ ވެރިފަރާތް ކަމުގައިވާ ޢަބްދުﷲ ވަސީމްގެ މަސައްކަތްތަކެވެ. ނިޒާރު ވިދާޅުވިގޮތުގައި، ވަސީމްގެ މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށާއި، އެންމެންވެސް ވަސީމުގެ މަސައްކަތް ބަލައިގަންނަންޖެހޭ ކަމެއް ކަމަށެވެ.
"މި މީދޫ ދޫނުކޮށް މިތަނުގައި ހުރެގެން މިތަނުން އެއްޗެއް ލިބޭތޯ ބަލަން މަސައްކަތް ކުރާ މީހެއް ވައްސޭއަކީ. އޭނާގެ މަސައްކަތަކީ ނަމޫނާއެއް. އެހެންކަމުން އެހެން މީހުން ވައްސޭގެ މި މަސައްކަތުން ޢިބުރަތް ލިބިގަންނަންޖެހޭ. ވައްސޭއަކީ ނަމޫނާއަކަށް ބަލަން ޖެހޭ މީހެއް. އަހަރެން ވަސީމު ބަލައިގަންނަނީ ރޯލް މޮޑެލްއެއްގެ ގޮތުގައި. ވަރަށް ކުރީއްސުރެން ފެށިގެން ވައްސޭ ފާހަގަވެފައިވަނީ ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައި،"
މޭޔަރު ނިޒާރު ވިދާޅުވިއެވެ.
މޭޔަރު ނިޒާރު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީ ކުރިއަށް އޮތް ތަނުގައި ވެގެން ދާނީ ޓުއަރިޒަމްގެ ދާއިރާއިން މި ރާއްޖޭގެ ނަމޫނާ ސިޓީއެއްގެ ގޮތުގައި ކަމުގެ %100 ޔަޤީންކަން އޮތް ކަމަށެވެ.
"ބެޑް ކެޕޭސިޓީ ބަލާލިކަމުގައި ވިޔަސް އެންމެ އަވަސް މުސްތަޤްބަލެއްގައި އެންމެ ގިނަ އެނދު އުފެދިގެންދާނީ އައްޑޫ ސިޓީގައި. އަދި ގެސްޓްހައުސްގެ އެންމެ ވިޔަފާރި ފުޅާ އެއް ތަނަކަށް އައްޑޫ ސިޓީ ވެގެންދާތަން ދާދި އަވަހަށް ފެންނާނެ. އެކަމުގެ ޔަޤީންކަން ލިބެނީ މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން،"
މޭޔަރު ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ފާހަގަކުރެއްވިގޮތުގައި، މިވަގުތުވެސް އައްޑޫ ސިޓީގައި 500 ކޮޓަރީގެ މަސައްކަތް ހިނގަމުންދާކަމަށް ވިދާޅުވިއެވެ. އެކި ތަންތަނުން ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، ފޭދޫ ޓުއަރިޒަމް ޒޯންގައި ހިނގާ މަސައްކަތްތަކާއި ހިތަދޫގައި ހިނގާ މަސައްކަތްތަކުގެ އިތުރަށް މަރަދޫގައި ފެށުމަށް ތައްޔާރުވަމުންދާ މަސައްކަތްތައް ފާހަގަކުރެވޭކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި މީދޫ ޓުއަރިޒަމް ޒޯނުންވެސް ބިން ހޯދާފައިވާ ފަރާތްތަކުން މިހާރު އެދަނީ އެ ބިންތަކުގައި މަސައްކަތް ފަށަމުންކަމަށް ނިޒާރު ވިދާޅުވިއެވެ.
މީދޫގައި ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ޢަބްދުﷲ ވަސީމަކީ ޝައްކެއްނެތް ގޮތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތެވެ. މަޑުމައިތިރި، ހީވާގި ފަރުދެއްގެ ހައިސިއްޔަތުން، ވަސީމް ދަނީ މަޑުމަޑުން މީދޫގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ބިންގާ އަޅަމުންނެވެ.
ރަށުގައި ހުރި ހަމައެކަނި ޑައިވިންގ ސެންޓަރު ހިންގުމާއި، ވަސީމުއާއި އިމާން އަދި ނައްސޭ ހިއްސާ އޮންނަ ކުންފުންޏެއްގެ ދަށުން މީދޫގައި ގެސްޓްހައުސްއެއް އިމާރާތްކޮށް ނިންމާ ހުޅުވުމަށް ދަަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ވަސީމަކީ މީދޫއަށް އަދި ޚާއްސަކޮށް އައްޑުއަށް މިވަގުތު އެންމެ ބޭނުންވެފައިވާ ބާވަތުގެ ލީޑަރޝިޕާއި ދުރުވިސްނުމުގެ ނަމޫނާއެކެވެ.
ސަދަން މޯލްޑިވްސް ޑައިވާސްއިން ހާމަކޮށްފައިވާގޮތުގައި މި އައު ޑައިވް ސެންޓަރުން ޑައިވިންގ އާއި ސްނޯކްލިންގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން އެކްސްކާޝަންގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތުން ހާމަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ސަދަން މޯލްޑިވްސް ޑައިވާސްއަކީ ދުނިޔޭގެ ފެންވަރުގައި ޑައިވިންގ ދާއިރާގައި ޝަރަފުވެރި ސެޓްފިކެޓެއް ކަމުގައިވާ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) ސެޓްފިކެޓް ހާސިލުކޮށްފައިވާ ޑައިވް ސެންޓަރެކެވެ.
'މީދޫ ސްކޫބާ ކްލަބް' އިން މިހާރު ވަނީ ޚިދުމަތް ހޯދުމަށް ބުކިން ހުޅުވާލައިފައެވެ. މި ޑައިވް ސެންޓަރުގެ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7939195 ނަންބަރާ ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.
މި ޑައިވް ސެންޓަރު ހުޅުވުމާއެކު، އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ޚާއްޞަކޮށް މީދޫގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.






ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

