އައްޑޫ ސިޓީ ރޫޅާލައި ރަށު ކައުންސިލްތަކުގެ ގޮތުގައި އެކުލަވާލުމަށް މަޝްވަރާތައް ފަށައިފައިވާކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެވެ.
ނިޒާރު އެކްސްގައި ލިއުއްވާފައިވާ ލިއުމެއްގައި ވިދާޅުވީ މިމަސައްކަތް ފަށާފައިވަނީ އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންކަމަށެވެ.
ނިޒާރުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ މި މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ ޕީ.އެން.ސީއަށް ނިސްބަތްވާ އައްޑޫގެ މަޖިލިސް މެންބަރުންކަމަށް މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. މި ބޭފުޅުން މިފަދަ މަސައްކަތެއް ކުރައްވައިފިނަމަ، އެއީ އައްޑޫ ސިޓީގެ ތާރީޚުގައި " އެންމެ ބޮޑު ގެއްލުމެއް ދެއްވި، އައްޑޫ ސިޓީގެ ތަރައްޤީއާއި ކުރިއެރުން ހުއްޓުވާލި ޣައްދާރުންގެ ގޮތުގައި" ފާހަގަކުރެވިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އައްޑޫ އަތޮޅު އިދާރީ ގޮތުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ގަރާރަކުންނެވެ. މި ނިންމެވުމަކީ "އައްޑޫ ސިޓީގެ ރައްޔިތުންގެ ފާގަތިކަމަށާ އަވަސް ކުރިއެރުން ހޯދައިދެއްވުމަށް" އެމަނިކުފާނު ނިންމެވި ނިންމެވުމެއްކަމަށް ނިޒާރު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންނަށް ރުހެވުނު، އުފާވެރިކަން އިޙްސާސް ކުރެވުނު ޝަރަފުވެރި ނިންމެވުމެއް" ކަމަށް ނިޒާރު ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، އެ ނިންމެވުމާއެކު "އައްޑޫގެ ކުރިއެރުމާ ދެކޮޅު ޣައްދާރުންތަކެއް އެކަމާ ދެކޮޅަށް ނިކުމެ އެ ޝަރަފު ނިގުޅައިގަތުމަށް މަސައްކަތްކުރި" ކަމަށް ވިދާޅުވިއެވެ.

ނިޒާރުގެ ޕޯސްޓްގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އޭގެ 14 އަހަރު ފަހުން، މިހާރު "އަނެއްކާވެސް ދެންނެވުނުފަދަ ޣައްދާރުންތަކެއް ފާޅުވެ، ސިޔާސީ ގޮތުން މިވަގުތު ބާރު އޮތަތީ، އައްޑޫ އިދާރީ ގޮތުން ބައިބައިކޮށްލައި ނިކަމެތިކޮށްލަން މަސައްކަތް ވަނީ ފަށާފައި" ކަމަށެވެ.
"މިއީ މާފުނުކުރެވޭނެ ޖަރީމާއެއް" ކަމަށާއި، އަމިއްލަ ވިސްނުމުގައި މިފަދަ ކަމެއް ކުރާ ފަރާތްތަކަކީ "ސިޔާސީ މުޖުރިމުންގެ ގޮތުގައި" ދެކޭކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ ޕޯސްޓްގައި އައްޑޫ ސިޓީއެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި "އައްޑޫ ސިޓީއެއްގެ ގޮތުގައި އޮތުމަކީ ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުންވެސް އެތަކެއް މަންފާ ލިބޭ މުހިންމު ކަމެއް" ކަމަށް ހާމަކޮށްފައިވެއެވެ.
އައްޑޫ ރޫޅާލުމަށް ދައްކާ ވާހަކަތަކަކީ "އިލްމީ ބަރުދަނެއް ނެތް ޖާހިލު ވާހަކަތަކެއް" ކަމަށާއި، "އައްޑޫ ނިކަމެތިކޮށްލަން ދައްކާ މަކަރުވެރި ވާހަކަތަކެއް" ކަމަށް ނިޒާރު ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ "އައްޑޫގެ ފަޚުރުވެރި ނަން ފޮހެވިގެންދާނެ ހިތާމަވެރި ހާލަތެއް" ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީއަކީ ދިވެހިރާއްޖޭގެ ދެވަނަ ސިޓީގެ ގޮތުގައި 2011 ވަނަ އަހަރު އުފެދުނު ސިޓީއެކެވެ. އައްޑޫ ސިޓީގައި ހިމެނެނީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫގެ ހަ ރަށެވެ. މި ސިޓީއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ.
އައްޑޫ ސިޓީ ރޫޅާލުމުގެ މަޝްވަރާތައް ފެށިފައިވާކަމުގެ ރަސްމީ ބަޔާނެއް މިހާތަނަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނެރެފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ޕީ.އެން.ސީއަށް ނިސްބަތްވާ އައްޑޫގެ މަޖިލިސް މެންބަރުން އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ.
ސިޓީއެއްގެ ގޮތުގައި ދެމިއޮތުމުން އައްޑޫއަށް ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ބަޖެޓާއި ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ޚާއްޞަ އިސްކަމެވެ. ސިޓީއެއްގެ ގޮތުގައި ދެމިއޮތުމުން ޤައުމީ ފެންވަރުގައި އައްޑޫގެ ތަމްސީލު ފުޅާވެ، ބައިނަލްއަޤްވާމީ މަޝްރޫޢުތަކަށް ފަސޭހައިން ވާސިލުވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
އައްޑޫ ސިޓީ ރޫޅާލުމުގެ ވާހަކަ ފެތުރެން ފެށުމާއެކު، އައްޑޫގެ ޢާންމު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަން ފަށާފައިވެއެވެ. ސޯޝަލް މީޑިއާގައި ގިނަ ރައްޔިތުން ވަނީ އައްޑޫ ސިޓީ ދެމެހެއްޓުމަށް ތާއީދުކޮށް އެކި ކޮމެންޓްތައް ކުރަން ފަށާފައެވެ. އެހެން ނަމަވެސް ވަކިން އޮންނަ މީދޫގެ ވަރަށް ގިނަ ފަރާތްތަކުން ސިޓީން ވަކިވުމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވެއެވެ.
އައްޑޫ ސިޓީއަކީ ދިވެހިރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ އަދި ޘަޤާފީ މަރުކަޒުކަމަށް ބެލެވޭ ސަރަޙައްދެކެވެ. މި ސަރަޙައްދުގެ ތަރައްޤީއަށް ގިނަގުނަ މަޝްރޫޢުތައް ހިންގިފައިވާއިރު، ސިޓީއެއްގެ ގޮތުގައި ދެމިއޮތުމުން އެ މަޝްރޫޢުތައް އެއް ވިލަރެސްކުރުމުގެ ދަށުން ހިންގުމަށް ފަސޭހަވެގެންދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

