ކުޅިވަރަކީ ހަށިގަނޑަށް ފައިދާކުރާ، ހިތްހަމަޖެހުން ލިބިގެންދާ އަދި މުޖުތަމަޢުގައި އެކުވެރިކަން އާލާކުރުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ކަމެކެވެ. ކުޅިވަރުގެ ދަނޑުމަތީގައި ކުޅޭ ކުޅުންތެރިންނަށް ހިތްވަރުދީ، ތަރުހީބު ދިނުމަކީ ކުޅިވަރުގެ ބައެއް ކަމުގައި ވެފައި، އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ހިތްވަރު މާބޮޑެވެ. އެހެންނަމަވެސް، މުބާރާތްތަކުގައި ތަރުހީބު ދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން ކުޅިވަރުގެ ރޫހާއި ޚިލާފު ޢަމަލުތައް ހިންގާކަން ފާހަގަކުރެވެއެވެ.
ރޭ މީދޫގައި ނިމިގެންދިޔަ "ގަންބުރު މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 " އިން ފެނިގެންދިޔަ ހިތާމަވެރި މަންޒަރަކީ، ކުޅިވަރުގެ ރޫހާއި މުޅިން ޚިލާފަށް ހަޑިހުތުރު ބަހުރުވައިން ތަރުހީބު ދެމުން ދިޔަ މަންޒަރެވެ. ޤަބޫލުކުރަން ދަތި ނަމަވެސް، މިގޮތަށް ތަރުހީބު ދެމުން ދިޔައީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ މަތިވެރި މަސްއޫލިއްޔަތު އަދާކުރަމުންދާ މައިންކަން ފާހަގަކުރަންޖެހެއެވެ. އެކަނބަލުންގެ ދަރިންވެސް ކައިރީގައި ތިއްބައި، އެފަދަ ހުތުރު ބަސްތައް ބޭނުންކޮށް، ކުޅިވަރުގެ އަދަބުތަކާއި ހަމަތަކާ ޚިލާފަށް ތަރުހީބު ދިނުމަކީ، ބެލެނިވެރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރާ ބަޔަކު ކޮށްގެން ވާކަހަލަ ކަމެއް ނޫނެވެ.

ޚާއްސަ ގޮތެއްގައި، ހުޅުދޫ އާއި މީދޫގެ މީހުންގެ މެދުގައި އޮންނަ ދެކޮޅުވެރިކަން ނައްތާލައި، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަކީ މިފަދަ މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދެވެ. އެކަމަކު، ދަނޑުން ބޭރުން ކުޑަކުދިން ކައިރީގައި ބައިތިއްބައިގެން، ކުޅިވަރުގެ ރޫހާއި ޚިލާފަށް ހަޑިހުތުރު ބަހުން ސަޕޯޓް ކުރުމަކީ، އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
ދަރިންނަށް ރަނގަޅު މިސާލެއް ދައްކައި، އެކުވެރި މާހައުލެއް ބިނާކުރުމަށްޓަކައި، މިފަދަ ޢަމަލުތައް ހުއްޓާލަން ޖެހެއެވެ. ކުޅިވަރުގެ އަސްލު މަޤްޞަދު ނައްތާލައި، ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރުވާ މިފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުކަން ދީ، އޭގެ ރަނގަޅު ހައްލެއް ހޯދުން ވަރަށް މުހިންމެވެ. ކުޅިވަރުގެ ރޫހުގައި، އަދަބުވެރިކަމާއެކު ތަރުހީބު ދީ، ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

