"ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025" ގެ ފޯރިގަދަ މުބާރާތުގެ ފައިނަލުން ހަސްތާލަ ވިސްތާލަ އަދި އެފްސީ އެތުލެޓިކްސް ފުރުސަތު ހޯދާފިއެވެ.
ރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ފައިނަލަށް ފުރަތަމަ ހޮވުނު ޓީމަކީ ހަސްތާލަ ވިސްތާލަ އެވެ. އެޓީމުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފޯރިގަދަ ކުޅުމަކަށްފަހު އެފްސީ ގްރީން 5 ލަނޑު 2 ލަނޑުން ބަލިކުރުމަށްފަހުއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަސްތާލަ ވިސްތާލަ ޓީމްގެ މިޝަލް ތައުފީގުއެވެ.
ދެވަނަ ސެމީފައިނަލް މެޗުކާމިޔާބުކޮށް ފައިނަލަށް ހޮވުނީ އެފްސީ އެތުލެޓިކްސް އެވެ. އެތުލެޓިކްސް ފައިނަލަށް ދަތުރުކުރީ ވަންޕާލް 8 ލަނޑު 2 ލަނޑުން ބަލިކޮށްފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެތުލެޓިކްސްގެ ޒާހިލް އެވެ.

މިމުބާރާތުގެ މެޗްތަކުގެ ޚަބަރު ތަފްސީލާއެކު ގެނެސް ދިނުމަށް މެޗްތަކުގައި ލަނޑު ޖަހާ ކުޅުންތެރީންގެ މައުލޫމާތު ހޯދުމަށް އެދިފައިވީ ކަމުގައި ވިޔަސް، ދެ މެޗެއްގެ ތަފްސީލް ފޮނުވުމަށްފަހު މުބާރާތް އިންތިޒާމުކުރާ ފަރާތުން އެމައުލޫމާތު ދީފައިނުވާތީ، ޚަބަރުތަކުގައި ލަނޑުޖެހި ކުޅުންތެރީންގެ މައުލޫމާތު ގެނެސް ދެވިފައި ނުވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ. އަދި މީގެ އިތުރަށް މިމުބާރާތުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަ ކުރުމަށް ތައްޔާރުކޮށްފައިވާ ފޭސްބުކް ޕޭޖުން ވެސް މިމައުލޫމާތު އެނގެން ނުހުންނަ ވާހަކަ ދަންނަވަމެވެ.
މިމުބާރާތުގެ ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 އޯގަސްޓް 2025 ވަނަ ދުވަހުގެ ރޭ 20:15 ގައެވެ.
މިމުހިންމު މެޗްގެ ކުޅުން އޮންނާނީ މީދޫ ޓާފް ދަނޑުގައެވެ.


ޚަބަރާއި ގުޅޭ މައުލޫމާތާއި ފޮޓޯތައް : ޒުހުރީގެ ފޭސްބުކް ޕޭޖުން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

