ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުންވެސް ބާސެލާ މޮޅުވެއްޖެވެ.
ސައުތު ކޮރެއާގެ ޑޭގޫ އެފްސީ އާއި ވާދަކޮށް ކުޅުނު މިމެޗް ފަސޭހަކަމާއެކު ބާސެލޯނާ ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެޗެ.
އިއްޔެ ކުޅެވުނު މިމެޗްގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފު ބާސެލޯނާއި ފެށީ މުޅިން ތަފާތު ޓީމަކާއެކުގައެވެ. އެގޮތުން މެޗު ފެށި އެގާރަ ކުޅުންތެރިން ވެސް ބަދަލުކޮށްފައިވާއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމު މިޑްފީލްޑަރު ގަވީ ދެލަނޑު ކާމިޔާބުކުރިއިރު، ޓޯނީ ފެނާންޑޭޒް، ރޮބަޓް ލެވަންޑޮސްކީ އަދި މާކަސް ރަޝްފޯޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އަދި މިމެޗުގައި ރަޝްފޯޑް ކާމިޔާބުކުރި ލަނޑަކީ ލޯނު އެއްބަސްވުމެއްގެދަށުން މިދިޔަމަހު ބާސެލޯނާއި ގުޅުނުފަހުން އެޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިމެޗުން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވިއިރު މެޗުގެ ފަހުވަގުތު ޒުވާން ޑިފެންޑަރު ޕައު ކުބާސީއަށް އަނިޔާވެ ވަނީ ބަދަލުކުރަންޖެހިފައެވެ.
ސްޕެނިޝް ލަލީގާގެ ކުޅުން މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން އެކުވެރިކަމުގެ އިތުރު އެއްމެޗު ކުޅުމަށް ބާސެލޯނާއިން ވަނީ ތާވަލުކޮށްފައެވެ. އެމެޗުގައި މިމަހުގެ 11 ވަނަ ދުވަހު އެޓީމުން ނުކުންނާނީ އިޓަލީގެ ކޯމޯ އާއި ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

